އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ވަރަށް ބޮޑެތި މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށާއި އަދި އާ ރަންވޭއެއްގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގެ ޑިޕާޗާ ރެސްޓޯރަންޓްގައި ހަދާފައިވާ ފުޑް ކޯޓު ހުޅުވައިދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް އެތަން ބަދަލުވަމުން އަންނަތަން ފަށައިފި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ، އެއާޕޯޓްގެ އާ ރަންވޭއެއްގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު ފެންނަމުން އެބަދޭ ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކޭ އެއްގޮތަށް، މި އެއާޕޯޓު ވެސް ދުނިޔޭގެ ފެންވަރުގެ އެ އާޕޯޓަކަށް ބަދަލުވަމުން އަންނަތަން. އަދި މިހާރު މި ހުރިހާ ކަމެއް ވެސް ބަދަލުވަމުން މިދަނީ ދިވެހިން ހިމެނިގެން. އެކަމުގައި އިސްކޮށް ތިއްބެވި މުހައްމަދު އުމަރު މަނިކާއި ބަންދު އިބްރާހިމް ސަލީމް ގުޅިގެން އާ ދިވެހި މެނޭޖްމަންޓުން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ އެއާޕޯޓު ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި، މިކަން މިވެގެންދަނީ ދިވެހި މެނެޖްމަންޓެއްގެ ދަށުން ކަމަށްވުމަކީ އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި، އެއާޕޯޓް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގައި މިއީ ފުރަތަމަ ބޮޑު މަޝްރޫއު ކަމަށާއި، މިފަދަ އިތުރު އެތައް މަޝްރޫޢުތަކެއް އަންނާނެ ކަމުގައި ވިދާޅުވި އެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް އެއާޕޯޓްގައި ހުޅުވިގެން ދިޔުމުން ވަރަށް އުފާފުޅު ކުރައްވާ ކަމުގައި ރައީސް ވަހީދު ވިދާޅުވި އެވެ.

"ފުރަތަމަ ސުވެންސެސް އައީ. އޭގެ ފަހުން ތައި އެކްސްޕްރެސް އާއި ބާގާ ކިންގް އަދި ކޮފީ ކްލަބް އައީ. އަދި އިތުރު ތަންތަން ވެސް އަންނާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. އަދި އަޅުގަނޑުމެންނަށް އިތުބާރުކުރައްވައި ތިކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

މި ހުޅުވުނު ރެސްޓޯރަންޓްތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ކުރާނެ ފައިދާތަކުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، އެ ތަންތަނުގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަކިން ހާއްސަކޮށް ޕާޓްޓައިމް ވަޒީފާ އަދާކޮށްގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވަރަށް ރަނގަޅު ފުރްޞަތުތަކެއް ހުޅުވިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ކިޔަވާ ކުދިންނަކީ އަތޮޅުތަކުން އައިސް ތިބި ކުދިން. އެ ކުދިންނަށް ފައިސާ ލިބޭނެ ގޮތެއް ނެތް. އަދި ގިނަ ކުދިންނަށް އަމިއްލަ ކަންތައްކޮށްލާނެ ފައިސާ އެއް ނުހުރޭ. އެހެންވީމަ މިހާރު އެ ކުދިންނަށް އެ ފުރުސަތު ހުޅުވިގެން މިދަނީ،" އެތަނުގައި ތިބި ސީއެޗްއެސްސީގެ ކިޔަވާ ކުދިންނާ މުހާތަބު ކުރައްވައި ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ ކުދިންނަށް އަމިއްލަ ކަންތައްތައް ކުރަން މާލީ އެހީތެރިކަން ބޭނުންވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ވެސް ކިޔަވާވިދާޅުވާން އުޅުއްވިއިރު އަމިއްލަ މަސައްކަތްކުރެއްވި ކަމަށް ވިދާޅުވި އެވެ.

"މިތަނުގައި ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރަން ވަރަށް އަވަހަށް ހުޅުވާލާނެ. އެހެންވީމަ އެކަން ހުރިހާ ކުދިން ވެސް ތައްޔާރުވާންވީ،" އެމަނިކުފާނު ވިދާޅުވި އެވެ.