08 Jul 2013, 15:08
ހޯމް މިނިސްޓަރު ކަމުގެ މަގާމާށް ކަނޑައެޅުވުމަށް ހަމަޖެއްސެވި ކުރީގެ ބަންޑާރަ ނައިބް އައިޝަތު ބިސާމާއި ޖެންޑާ މިނިސްޓަރު ކަމުގެ މަގާމަށް ކަނޑައެޅުވުމަށް ނިންމެވި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އާމާލު އަލީ އެ މަގާމުތަކުގެ ހުވާކުރުން ފަސްކޮށްފި އެވެ.
މި ދެބޭފުޅުން މަގާމުގެ ހުވާކުރުމަށް މިއަދު މެންދުރު ފަހު 3:00 ގައި ރައީސް އޮފީހުގައި ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ ރަސްމިއްޔާތު މިހާރު ވަނީ ފަސްކޮށްފަ އެވެ. އެކަން ސަރުކާރުގެ އޮފިޝަލަކު ވެސް ވަނީ މިއަދު ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވުމަށް ހަމަޖެއްސި ރަސްމިއްޔާތެއްގައި މިހާރު ފަހުގެ ތާރީހަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރަކަށް ބިޝާމް ހަމަޖެއްސެވުމަށް ނިންމަވަފާއިވާ އިރު، ބަންޑާރަ ނައިބުގެ މަގާމުން ބިޝާމް ދުރުކުރީ ރައްޔިތުންގެ މަޖިލީހުން އޭނާއަށް ރުހުން ނުލިބުމުންނެވެ. ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ބިޝާމް އައްޔަން ކުރައްވަނީ އެ ވުޒާރާއަށް ދާއިމީ މިނިސްޓަރެއް ހަމަނުޖައްސަވާތާ މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު އެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު އާޒިމާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވުމާ ގުޅިގެންނެވެ.