08 Jul 2013, 14:45
ރޯދަމަހު ދިވެހިން އެންމެ އާއްމުކޮށް ކެއުމަށް ބޭނުންކުރާ ދޮންކޭލުގެ އަގު ބާޒާރުގައި ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
ލޯކަލް މާރުކޭޓުގައި އާދައިގެ ކުޑަކުޑަ ބޮންތިރަތް ކެޔޮ ވަކެއް މިއަދު ލިބެނީ، 3ރ، އާއި 5ރ،އާއި ދެމެދުގެ އަގެއްގަ އެވެ. އަދި މާޅޮސް ކެޔޮވަކެއް 8ރ އާއި 12ރ އާއި ދެމެދުގައި ހުރިއިރު ފުސްކެޔޮވަކެއްގެ އަގު 12ރ އާއި 15ރ އަށް ވަނީ އުފުލިފަ އެވެ.
މާރުކޭޓު ގޮޅިއެއްގެ ސޭޓަކު ބުނީ، ދޮންކެޔޮ މިހާ އަގު ބޮޑުވެފައި ވަނީ، މާލެއަށް ދޮންކެޔޮ ގެންނަ ރަށްރަށުން ދޮންކެޔޮ ލިބުން ދަތިވުމާއި އަދި ރާއްޖެއިން ބޭރުން ވެސް ބޭނުންވާ ވަރަށް ދޮންކެޔޮ އެތެރެ ކޮށްފައި ނެތުމުން ކަމަށެވެ.
"މިހާރު އަހަރެމެންނަށް ވެސް ދޮންކެޔޮ ލިބެނީ ވަރަށް މަދުން. ދޮންކެޔޮ އާންމުކޮށް ގެންނަ ލ. އަތޮޅާއި ފުވައްމުލަށް ފަދަ ތަންތަނުން މިހާރު ކެޔޮ ގެންނަލެއް ވަރަށް މަދު،" މާރުކޭޓު ގޮޅިއެއްގެ ސޭޓަކު ބުންޏެވެ. "ދޮންކެޔޮ މިގޮތަށް ބޮޑު އަގުގައި ވިއްކާތާ މިހާރު މިވީ ހަތަރުވަރަކަށް ދުވަސް. އަދި ހިޔެއް ނުވޭ އެހާ އަވަހަށް އަގު ތިރިވެދާނޭ ހެނެއް."
މާރުކޭޓް ގޮޅިތަކުގައި ހުރި ދޮންކެޔޮގެ އަގު އިންތިހާއަށް އުފުލިފައިވާއިރު އޭގެ ތެރެއިން ގިނަ ތަންތަނުން ބުނީ އެތާނގައި ހުރި ގިނަ ކެޔޮގަނޑުތައް މިހާރު ހުރީ ވިކި ހުސްވެފައި ކަމަށެވެ.
ރާއްޖެއިން ބޭރުން ދޮންކެޔޮ އެތެރެ ކުރާ ފަރާތްތަކުން ކެޔޮގަނޑެއް 1،000ރ، އާއި 600ރ، އާއި ދެމެދުގެ އަގެއްގައި ވިއްކަމުން ގެންދާއިރު، މާރުކޭޓުގައި އަތޮޅުތަކުން ގެންނަ ދޮންކެޔޮ، ބޮންތި ރަތް ކެޔޮގަނޑެއް 1،000ރ އާއި 1،500ރ އާއި ދެމެދުގެ އަގެއްގައި ލިބެން ހުރިއިރު، ފުސްކެޔޮ އަދި މާޅޮސްކެޔޮގަނޑެއްގެ އަގު 1،200ރ އާއި 1،700ރ އާއި ދެމެދުގެ އަގަކަށްވަނީ މައްޗަށް ގޮސްފަ އެވެ.
"މިއަދު އަދި ތަންކޮޅެއް އަގު ހެޔޮ. ރޭގަ ވެސް ކުޑަކުޑަ ކެޔޮވަކެއް ވިއްކަން ބުނީ، 5ރ އަށް،" މާރުކޭޓަށް ދޮންކެޔޮ ގަންނަންގޮސް ހުރި މީހަކު ސަންއަށް ކިޔައި ދިނެވެ.
ބާޒާރުގައި ދޮންކެޔޮލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ އިރު ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތަކެއްގެ އަގުވަނީ މައްޗަށް އުފުލިފަ އެވެ.