ސަރުކާރުގެ އިލެކްޓިރިކް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ މިލިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ) އަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް މަޖިލީހުން އިތުރުކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރުމަށްފަހު ސެޓެލްކޯގެ 50 މިލިއަން ރުފިޔާގެ އޯޑީގެ ގެރެންޓީގެ މުއްދަތު އިތުރު ކުރުމާމެދު ފެންނަ ގޮތް ބެލުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވީ، އޯޑީގެ ގެރެންޓީގެ މުއްދަތު އިތުރު ކުރުމަށެވެ. އަދި 17 މެންބަރުން ވޯޓު ދެއްވީ އެ ލޯނުގެ ގެރެންޓީގެ މުއްދަތު އިތުރު ކުރުމަން ނުފެންނަ ކަމަށެވެ.

އެ ލޯނަށް ސަރުކާރުން ފުރަތަމަ ގެރެންޓީ ދީފައި ވަނީ ސެޕްޓެންބަރު 1، 2009 ގައި މަޖިލީހުން ފާސްކޮށްގެންނެވެ. ނަމަވެސް އެ ގެރެންޓީގެ މުއްދަތު މި އަހަރަށް ހަމަވާނެތީ، އެ މުއްދަތު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުއްވުމުން، މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ އެ ލޯނަށް ގެރެންޓީ އަންނަ އަހަރުގެ މާޗް 30ގެ ނިޔަލަށް އިތުރު ކުރުމަށެވެ.