ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ހުށަހެޅުއްވި އެ ބިލް މަޖިލީހަށް ބަލައިގަތީ 36 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލް ބަލައިގަތުމުން ބިލް ވަނީ އިތުރަށް ދިރާސާ ކުރުމަށް ޓަކައި އިޖުތިމާއީ ކޮމެޓީ އަށް ފޮނުވާފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ވިދާޅުވީ ސަރުކާރުން ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ސިއްޙީ ހިދުމަތުގެ ފަންނަކީ އާންމުން އިތުބާރުކުރާ އަދި އާންމުންގެ އިހްތިރާމް ލިބިގެންވާ ސިއްހީ ދާއިރާ ހެދުން ކަމަށެވެ. އެގޮތުން ސިއްޙީ ހިދުމަތުގެ ވަކިވަކި ފަންނުތަކުގައި މަސައްކަތް ކުރެވޭނެ ޝަރުތުތައް ކަނޑައެޅުމާއި ސިއްޙީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ތަންފީޒު ކުރާނެ ކައުންސިލްތައް އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ އުފެދިގެން ދާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އެ އުފައްދާ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި ސިއްޙީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިން އެމީހުންގެ މަސައްކަތުގެ މާހައުލުގައި ތަބާވާން ޖެހޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމާއި އެމީހުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައެޅުމަކީ ވެސް އެފަދަ ބިލެއް ހުށަހެޅުމުގެ ސަބަބު ކަމަށް ވިސާމް ވިދާޅުވި އެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލްގައި ބުނެފައިވާ ގޮތުން އެ ދާއިރާގައި މަސައްކަތްކުރާ މީހުން ޒިންމާދާރު ކުރުވުމަށް ޓަކައި ކައުންސިލްތަކެއް އުފައްދަން ޖެހެ އެވެ. އެގޮތުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އާއި މާލްޑިވްސް ނާސިން އެންޑް މަޑުއްވަރީ ކައުންސިލް އާއި މޯލްޑިވްސް އެލައިޑް ކައުންސިލް އެއް އުފައްދަން ޖެހޭނެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުން ދިވެހި ރާއްޖޭގައި މެޑިކަލް ޕްރްކްޓިޝަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް އެ ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެ ލައިސަންސްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބިލްގައިވާ ގޮތުން ސިއްޙީ ފަންނުވެރިންނަށް ކައުންސިލުން ދޫކުރާ ލައިސަންސް އަކީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ހޯދާފައިވާ ލައިސަންސެއް ކަމަށް ކައުންސިލަށް ފާހަގަ ކުރެވިއްޖެ ނަމަ އެ ލައިސަންސެއް އެ ކައުންސިލެއްގެ ރަޖިސްޓްރާ ބާތިލުކުރަންވާނެ އެވެ. އަދި ސިއްޙީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ ކިބައިގައި އެ ދާއިރާއަކާ ގުޅުން ހުރި ކައުންސިލަކުން ކަނޑައަޅާފައިވާ މަސައްކަތްކުރުމުގެ ހުނަރާއި ގާބިލުކަން ނެތް ކަމަށް ކައުންސިލަކުން ކަނޑައަޅައިފި ނަމަ އެ ފަރާތެއްގެ ލައިސަންސް ވަކި މުއްދަތަކަށް ހިފެހެއްޓުމާއި ބާތިލު ކުރުމުގެ އިހްތިޔާރު އެ ކައުންސިލަކަށް ލިބިގެންވެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރެއްވި މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެފަދަ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ ބޭނުމަކީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދީފައިވާ ބާރުތައް ކަނޑަވާލުން ކަމަށެވެ. އެހެން އެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ބާރުތައް ގެއްލޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ދިވެހި ރާއްޖޭހެ ސިއްހީ ދާއިރާ މިހާރުން މިހާރަށް އިސްލާހު ކުރުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާށު އެ ބިލް އޮތްގޮތަށް ބަލައިގަންނަން ތާއިދު ނުކުރެވޭނެ ކަމަށް ވެސް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ ބިލް މަޖިލީހުން ބަލައިގަނެ ކޮމެޓީ އަށް ހިނގައްޖެ ނަމަ ބިލަށް ވަރަށް ބޮޑެތި ބަދަލްތަކެއް ގެންނަން ޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ބިލްގެ ބަހުސް މަރުހަލާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ މެންބަރުން ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުން ސިއްހީ ދާއިރާ އާއި ގުޅުން ހުރި ބިލެއް ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައި ވަނިކޮށް މަޖިލީހަށް ހުށަހެޅުމުން ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ވެސް ޕީޕީއެމްގެ މެންބަރުން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރުން އިތުރަށް ވިދާޅުވީ ސިއްޙީ ހިދުމަތުގެ ފަންނު ވެރިންގެ މަސައްކަތްތެރިންގެ ބިލް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެ ބިލް އެޮތް ގޮތަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބިލް މަޖިލީހަށް ބަލައިގަންނަން ތާއިދު ކުރާ ކަމަށާއި އެހެން ނަމަވެސް ބިލަށް ބޮޑެތި އިސްލާހްތައް ގެންނަން ޖެހޭ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.