08 Jul 2013, 14:05
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ތައި އެކްސްޕްރެސް އާއި ބާގާ ކިންގް އަދި ކޮފީ ކްލަބް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން ބާގާ ކިންގާއި ތައިލެންޑްގެ މަޝްހޫރު ކެއުންތައް ތައްޔާރުކުރާ ތައި އެކްސް ޕްރެސް އަދި ކޮފީ ކްލަބް ހިމެނޭ ފުޑް ކޯޑު ހަދާފައި ވަނީ ޑިޕާޗާ ޓާމިނަލްގެ ތިރީގައި ކުރިން މޫވެން ޕިކް ރެސްޓޯރަންޓް ހުރި ސަރަހައްދުގަ އެވެ.
އެއާޕޯޓުގެ ފުޑް ކޯޓު ހިންގަނީ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އާއި މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީން (އެމްއޭސީއެލް)އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެއާޕޯޓުގެ ފުޑް ކްލަބް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ "މިއީ އެއާޕޯޓް ތަރައްގީކުރުމުގެ ނިމުމެއް ނުވާ ދަތުރުގެ ފެށުން" ކަމަށެވެ.
"މިއީ ދުނިޔޭގެ ފެންވަރަށް އެއާޕޯޓް ތަރައްގީކުރުމުގެ ފެށުން. އަޅުގަނޑުމެން މަތިންދާ ބޯޓުގައި ފުރާއިރު ފުރަތަމަ ޖެހެނީ ބޯޑިންވާން އޭގެ ފަހުން ދޮރު ލައްޕާނީ އަދި ދެން ބޯޓު ނައްޓާލާނީ. މިއީ އަޅުގަނޑުމެން ދަތުރު ފަށާ ގޮތް. ދުނިޔޭގެ ފެންވަރު ކާބޯތަކެތި ލިބެން ފެށުމަކީ އޭގެ ފެށުން،" ބަންދު ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ހުޅުވުނު ފުޑް ކޯޓުން ކަސްޓަމަރުން ބޭނުންވާ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވަރަށް ގިނަ ބަޔަކަށް އެތަނުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށް ބަންދު ސަލީމް ވިދާޅުވި އެވެ.
"މިތަނުގައި އަލަށް ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ. އަޅުގަނޑުމެން ކިޔަވަން އުޅުނު އިރު މިކަހަލަ ފުރަސަތެއް ނެތީމަ އަޅުގަނޑުމެން ޕާޓްޓައިމްކޮށް ކިޔަވައިދިނީ. ބާގާ ކިންގަކީ ދުނިޔޭ ވަރަށް ގިނަ ގައުމުތަކުގައި ކިޔަވާ ކުދިންނަށް ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭ ބައެއް،" އޭނާ ވިދާޅުވި އެވެ.
ބަންދު ވަނީ ދިވެހި ކިޔަވާ ކުދިން އެތަނުގައި ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދުމަށް ގޮވާލައްވައިފަ އެވެ.
"އާމްދަނީ ހޯދަމުން ކިޔަވަންވީ. މިތަނަށް އައިސް ވަޒީފާ އަދާކުރުމަކީ ވެސް ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ. މި ފުރުސަތު ނަގާލައިގެންނުވާނެ،" އޭނާ ވިދާޅުވި އެވެ.
ބަންދު ސަލީމް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެއާޕޯޓަށް އިތުރު އިންވެސްޓްމަންޓްތަކެއް އަންނާނެ ކަމަށެވެ.
އެއާޕޯޓުގައި އަލަށް ހުޅުވި ބާގާ ކިންގްގައި ބާގާއެއް އަގު އުޅެނީ ހަތް ޑޮލަރާއި 17.5 ޑޮލަރާ ދެމެދު އަގެއްގަ އެވެ. އަދި ތައި އެކްސްޕްރެސްގެ މީލްގެ އަގު އަގު އުޅެނީ ހަ ޑޮލަރާއި ނުވަ ޑޮލަރާ ދެމެދުގަ އެވެ. އަދި ކޮފީ ކްލަބްގެ ކޮފީއެއްގެ އަގު އުޅެނީ 3.5 ޑޮލަރާއި 5.5 ޑޮލަރާ ދެމެދު އަގެއްގަ އެވެ.