08 Jul 2013, 13:58
ދިހަ ހާސް ރުފިޔާގެ އިނާމް ހުށަހަޅައިގެން ބޭއްވި މޯލްޑިވްސް ގްރީން ފަންޑް ލޯގޯ ކުރެހުގެ މުބާރާތުން އެއް ވަނަ އަށް ދިޔަ ފަރާތް ހޮވައިފި އެވެ.
މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީ އިން ބޭއްވި އެ މުބާރާތުން އެއް ވަނަ އަށް ގޮސްފައިވަނީ ށ.ކަނޑިތީމް، މުހައްމަދު ޝަފީއު އެވެ.
އެންވަރުމަންޓް މިނިސްޓްރީން ބުނީ ގްރީން ފަންޑު ލޯގޯ ކުރެހުމުގެ މުބާރާތަށް 67 ލޯގޯ އެއް ބައިވެރިކޮށްފައިވާ ކަމަށެވެ. އެ މުބާރާތުން އެއް ވަނަ ދެވަނަ އަށް އަދި ތިން ވަނަ އަށް ދިޔަ ފަރާތްތައް އިއުލާން ކުރުމަށް މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި އެއްވަނަ އަށް ދިޔަ ފަރާތަށް އިނާމް ހަވާލުކޮށްދެއްވީ އެންވަރުމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
އެ ރަސްމިޔާތުގައި މިނިސްޓަރު ޝަކީލާ ވިދާޅުވީ އެއް ވަނަ އަށް ޖަޖުން ހޮވާފައިވާ ލޯގޯއަކީ ތިމާވެއްޓަށް ވަރަށް ރަހްމަތްތެރި އަދި ތިމާވެއްޓާ ގުޅުން ހުރި ކަންމުގައި ބޭނުން ކުރަން އެންމެ އެކަށޭނެ ލޯގޯއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.