ތިލަފުށިން މުދާ ބަރުކޮށްގެން ކުޅުދުށްފުއްޓަށް ދިޔަ "ސިކަންދަރު" ބޯޓު އަޑިއަށް ދަނިކޮށް އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ.

ކުޅުދުއްފުށީ، ސިކަންދަރު ބޯޓު އިއްޔެ ތިލަފުށިން ހިލަވެއްޔާއި ސިމެންތި އާއި ގޭސް ބަރުކޮށްގެން ކުޅުދުއްފުށްޓަށް ދަތުރު ކުރަނިކޮށް ކަނޑުގަދަވެ ދޯނީގައި ބޭނުން ކުރަމުން ދިޔަ ދެ ޕަމްޕަށް ލޮނުއަރައި ފެއިލްވީ ނ. އަތޮޅާ ހިސާބުން ކަމަށް މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވި އެވެ. އޭނާ މިއަދު ވިދާޅުވީ ކެޕްޓަނާ އެކު ފަސް މީހުން ދަތުރު ކުރި ސިކަންދަރު ބޯޓުގެ އިންޖީނަށް ވެސް ލޮނުގެ އަސަރު ކުރުމުން އިންޖީނު ނިއްވާލުމަށް ފަހު ދޯނިން ދިޔަވެ ރިޒާވް ޕަމްޕު ވެސް މަސައްކަތް ނުކުރުމުން ބައެއް ހިލަވެލި ވެސް ކަނޑަށްއުކާލި ކަމަށެވެ.

ޒުހެއިރު ވިދާޅުވީ ސިކަންދަރު ބޯޓަށް އިތުރަށް މުދާ ބަރުކޮށްފައިނުވާނެ ކަމަށާއި ނަމަވެސް ބޯޓު ބަރުވީ ހިލަވެއްޔަށް ލޮނުގެ އަސަރު ކުރުމުން ކަމަށެވެ. އަދި ބޯޓު އަޑިއަށްދާނެ ކަމުގެ ބިރު ހީވުމުން ބައެއް ހިލަވެލި ކަނޑަށް އުކާލި ކަމަށެވެ.

ސިކަންދަރު ބޯޓަށް ބަރުކޮށްފައި 1800 ބަސްތާ ހިލަވެއްޔާއި 1000 ސިމެންތި ބަސްތާ އާއި 200 ފުޅި ގޭހެ އެވެ. ސިމެންތި ބަސްތާތަކުގެ މަތީ ސަތަރިއަޅާ ބަންދުކޮށްފައި ހުރުމުން މާބޮޑަށް ލޮނުގެ އަސަރު ނުކުރާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ ބޯޓު އަޑިއަށްދާހެން ހީވާންފެށުމުން އެމްއެންޑީއެފަށް ރިޕޯޓުކުރުމުން ގަޑިއެއްގެއިރުތެރޭ އެމްއެންޑީއެފްގެ އެހީތެރިކަން ލިބުމުން ބޯޓު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

"އެމްއެންޑީއެފަށް ރިޕޯޓު ކުރުމުން އެބޭފުޅުންގެ އެހީތެރިކަން ލިބުމުން ބޯޓު އަޑިއަށް ދިއުމުގެ ކުރިން ސަލާމަތް ކުރެވިއްޖެ. އަދި ވެސް އެބެފުޅުން އެބަތިބި ދޯނި ކައިރީ." ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ އިތުރު ޕަމްޕާ އެކު ބަހާދަރު ބޯޓާއި އިތުރު ލޯންޗެއް ސިކަންދަރު ބޯޓަށް އެހީވުމަށް މިހާރު ފުރުވާލާފައިވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.