08 Jul 2013, 12:27
ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭ ގޮތުންނާއި ދެގައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ހުކުރު ދުވަހުގެ ރޭ ކޮޅުނބުގެ ސޯސަންވިލާގައި ބޭއްވުނު ދިވެހި މިޔުޒިކް ބޭންޑް "އޮލިމްޕިއަންސް"ގެ ޝޯގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެ އިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް، އާސަންދަ ލިބޭނެ ގޮތަށް ހަމަޖައްސަވައިފިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވި އެވެ.
ރައީސްގެ ދަތުރުފުޅުގައި، ލަންކާ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލުވެސް އޮޅުންފިލުއްވި އެވެ. އަދި ހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ރާއްޖެ އަށް އެހޮސްޕިޓަލުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ.