08 Jul 2013, 11:55
އަންހެން ކުއްޖެއްގެ އުރަމަތީގައި ހިފި މީހަކު 10 އަހަރަށް ޖަލަށްލާން އައްޑޫ ސިޓީ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ކުޑަކުއްޖެއްގެ އުރަމަތީގައި ހިފުމުގެ 10 އަަހަރުގެ ޖަލު ހުކުމެއް އައީ އައްޑޫ ސިޓީ ހުޅުދޫ ބީޗް ހައުސް އަހުމަދު ހުމެއިދު،21،ގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ހުކުމް ކުރީ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހު 27 ވަނަ ދުވަހު އެވެ.
ހުމެއިދުގެ މައްޗަށް ޕީޖީން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި 7،ގައި މެންދުރުފަހު 1:15 ހާއިރު މަގުމަތިން ހިނގާފައި ދިޔަ ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އުރަމަތީގައި ހިފި ކަމަށެވެ. އަދި އުމަރަމަތީގައި ހިފި ކަމަށް ހުމެއިދު ޖިންސީ އަނިޔާ ލިބުނު އަންހެން ކުއްޖާ އާއި އޭނާ އެ އަމަލު ހިންގަނިކޮށް ދުށް ކަމަށް ދެން ހުރި އަންހެންކުއްޖާ ޝަރީޢަތުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ހުމެއިދުގެ އަމިއްލައި އިއުތިރާފާއި ހެކިންގެ ހެކިބަހަށް ބުރެވެ، ހުމެއިދުގެ މައްޗަށް އެ ހުކުމްކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ)ގެ ދަށުން އަހުމަދު ހުމައިދުގެ މައްޗަށް ކުރި ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އަށް، ހުމައިދު އިންކާރުކުރި ނަމަވެސް ދަޢުލަތުގެ ފަރާތުން ހުމެއިދުގެ މައްޗަށް ކުރާ ދަޢުވާ ހެކީންގެ ހެކިބަހުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށެވެ.
އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 10 އަހަރަށް ހުމެއިދު ޖަލަށްލީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ތަޙުގީގު ކުރުމަށް ފަހު އަހުމަދު ހުމައިދުގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ މި އަހަރުގެ ޖެނުއަރީ ނުވަ ވަނަދުވަހު އެވެ.