08 Jul 2013, 11:49
މިސްރުގެ ރައީސްކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގަދަކަމުން ދުރުކުރެވުނު މުހައްމަދު މޫރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރޭގައި ހިންގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 15 މީހުން މަރުވެއްޖެ އެވެ.
މޫރުސީ ނިސްބަތްވާ މުސްލިމް ބްރަދަހުޑްގެ ފަރާތުން ބުނީ، އަޝްކަރިއްޔާ އިން އެ ހަމަލާ ދީފައި ވަނީ، މޫރުސީ ހައްޔަރުކޮށްފައި ބަހައްޓާފައި ހުރިކަމަށް ޝައްކުކުރެވޭ، ޕްރެޒިޑެންޝަލް ގާޑް ކްލަބްގެ ބޭރުގައި އިށީނދެގެން ތިބި މުރުސީ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ފަތިސް ނަމާދުގެ އަޅުކަމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
މިސުރުގެ ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އަޝްކަރިއްޔާގެ އޮފިސަރަކު ވެސް ހިމެނެ އެވެ.
މޫރުސީ އަށް ތާއީދު ކުރާ ފަރާތްތަކުން އެ ހަމަލާގެ ތުހުމަތު އަޝްކަރިއްޔާގެ ބޮލުގައި އަޅުވާ އިރު، އެ ގައުމުގެ ސްޓޭޓް މީޑިއާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ހަމަލާ ދީފައި ވަނީ، އެތަނުގައި ބަހައްޓާފައި ހުރި ބެރެކްސްތައް ފޫއަޅުވާލާފައި އެތެރެ ވުމުގެ ބޭނުމުގައި، ހަތިޔާރު އަޅައިގެން ތިބި ޓެރަރިސްޓް ގުރޫޕެއް ކަމަށެވެ.
ސްޓޭޓް މީޑިޔާގެ އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެތަނުން 200 ވަރަކަށް މީހުން ހައްޔަރު ކުރެވިފައިވާ އިރު އެމީހުންގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރާއި، ޕެޓްރޯލްބޮމާއި އަދި ވެސް އެފަދަ ގޮވާ ޒާތުގެ ހަތިޔާރުތައް ފެނިފައިވެ އެވެ.
މުރުސީ ވެރިކަމުން ދުރު ކުރުމަށް ފަހު އެގައުމުގެ ވަގުތީ ރައީސްކަމުގެ ހުވާ ކުރައްވައިގެން ހުންނެވި، މިސުރުގެ އުއްތަމަ ފަނޑިޔާރު، އަދުލީ މަންސޫރު ވަނީ ވަކި ތާރީހެއް ނުދެއްވި ނަމަވެސް، ވަރަށް އަވަހަށް އެގައުމުގައި ރިޔާސީ އިންތިހާބެއް ބާއްވާނޭ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
އިއްޔެ ވެސް މުރުސީ އަށް ތާއީދުކުރާ އަދި އޭނާއާ އިދިކޮޅު އެތައް ހާސް ބަޔަކު ވަނީ މިސުރުގެ މަގުތަކުގައި މުޒާހަރާކޮށް އަޑު އުފުލާފަ އެވެ.
މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ އޭނާ ވެރިކަމުން ދުރު ކުރެވިފައި ވަނީ ބަޣާވާތަކުން ކަމަށާއި އެހެންކަމުން، މުރުސީ ކުރިންވެސް ހުންނެވި މަގާމަށް އޭނާ އަނބުރައި ރުޖޫއަ ކުރުމަށެވެ.