ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިލޭ އަންހެނުންތަކަކާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލައިގެ ތަހުގީގަށް އޭނާ ހަފްތާއެއްގެ ތެރޭގައި ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ހަމީދު ރޭ ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރާ ހިލޭ އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ކުރާ ތުހުމަތާ ގުޅިގެން ތަހްގީގު ފުރިހަމަ ކުރުމަށެވެ.

އެ ތަހްގީގު ދިޔައީ ކިހާ ހިސާބަކަށް ކަމެއް ސަން އަށް ކަށަވަރެއް ނުވެ އެވެ. ނަމަވެސް ރޭ ވެސް ފަސް ގަޑި އިރަށް ވުރެ ގިނަ އިރު އޭނާ ފުލުސް އޮފީހުގައި ގެންގުޅެފައިވެ އެވެ.

ފަނޑިޔާރު ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރު ކުރި އިރު، އޭނާ ހިލޭ އަންހެނުންނާ އެކު ޖިންސީގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރިމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަސް މެންބަރުންގެ ޚާއްސަ ކޮމެޓީއެއް އުފައްދައިފަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަ ވަނީ އެ ކޮމިޝަންގެ ނާއިބު ރައީސް އަބްދުﷲ ދީދީއާއި ކޮމިޝަންގެ މެމްބަރު ލަތީފާ ޤާސިމާއި ކޮމިޝަންގެ މެންބަރު އަހްމަދު ރަޝީދުގެ އިތުރުން ކޮމިޝަނުން ބޭރު ދެ ބޭފުޅުންގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖާއި ގާނޫނީ ވަކީލު މުހައްމަދު އަނިލް ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އެ ކޮމެޓީ އެކުލަވާލާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކަމާ ބެހޭ ގޮތުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.