މާހެފުމަކީ މީގެ އެތައް ސަތޭކަ އަހަރު ކުރިން ފެށިގެން ދިވެހިން ކުރަމުން އައި ކަމެކެވެ. މިކަން ފެށިގެން އައިއިރު މާހެފުމަށް ބޭނުން ކުރަމުން ގެންދިޔައީ ޒުވާރި، ދޮނަޅަ، ހަނޑޫ ފަދަ އެއްޗެހީގައި މާ ޖައްސަައިގެންނެވެ. އޭރު އެކަން ކޮށް އުޅުނީ ކޮންމެ ޝައުބާން މަހެއްގެ ތިރީހުގަ އެވެ.

ނަމަވެސް މި ސަގާފަތް މިހާރު މިވަނީ ގޭގޭގައި އެކަނި ކުރަމުން ގެންދިޔަ ކަމެއްގެ ބަދަލުގައި އޮފީސްތަކާއި ސިޔާސީ ޕާޓީތަކާއި އާއިލާތަކާއި ރައްޓެހިންގެ މެދުގައި ބޭއްވޭ ބޮޑު ހަފްލާއަކަށް ބަދަލުވެފަ އެވެ. އަދި މާހެފުމަށް ބޭނުން ކުރަމުން ގެންދިޔަ އެއްޗިއްސަށް ވެސް މިވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ.

ޒުވާރި އާއި ހަނޑޫ އަދި ގޮނދަނުގައި މާ ލައްވައިގެން ފެށި މާހެފުމުގެ ސަގާފަތުގެ ތެރެއަށް ކާބޯތަކެތީގެ ބާވަތްތައް އިތުރުވަމުން ގޮސް މިހާރު އެ އާދަ ވަނީ ބޮޑު ކޭމަކަށް ބަދަލުވެފަ އެވެ. މާހެފުމަށް މިހާރު ބޭނުން ކުރާ އެއްޗެހީގެ ތެރެއަށް ކަދުރާއި ކާށި، މަސް، އަލަ، ކައްޓަލަ އަދި، ކުޅިކޮށް މޮޑެފައި ހުންނަ ފާރޮއްޓާއި ފޮނި ފާރޮއްޓާއި އަވެއްޔާއި ކުޅިމަހުގެ ބާވަތްތަކާއި ދިިވެހި ކޭންތަކުގައި ބޭނުންކުރާ ގިނަ ބާވަތްތަކެއް ވަނީ އިތުރުވެފަ އެވެ. އަދި މިބާވަތްތައް ނެތް ނަމަ ރަނގަޅު މާހެފުމެއް ހެފުނު ކަމުގައި ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

މާހެފުމަށް މިހާރުގެ ސަގާފަތް އޮންނަ ގޮތަށް ބަލާ އިރު ކުރަން ޖެހޭ މަސައްކަތްތައް ކުޑަކޮށް، ވަގުތު ވެސް ސަލާމަތް ކުރުމުގެ ވިސްނުމުގައި ކޮންމެ ބަޔަކު ވެސް ބަލަނީ ކޮންމެ ވެސް ތަނަކަށް އޯޑަރު ދީގެން އެކަން ކޮށްލެވޭތޯ އެވެ. މާހެފުމޭ ބުނާއިރަށް ކޮންމެ ބަޔަކު ވެސް އަވަސް ވެގަންނަނީ އެންމެ ރަނގަޅު މާހެފުމުގެ މެނިއުއެއް ތައްޔާރުކޮށްފައި ވަނީ ކޮން ބައެއްތޯ ބަލައި އެބަޔަކަށް އޯޑަރު ދެވޭތޯ އެވެ.

ގޭތެރޭގައި އޮތް މާހެމުގެ ޝަގާފަތް މިހާރު ވަނީ ބޭރު ތެރޭގައި ބޭއްވޭ ބޮޑެތި ހަފްލާތަކަށް ބަދަލުވެފަ އެވެ. އެގޮތުން މާހެފުމުގެ ސަގާފަތް މިހާރު މިއޮތީ ރައްޓެހިން ގްރޫޕް ހަދައިގެން ބާއްވާ ކަމެއްގެ ގޮތުގަ އާއި ތިމާގެ މީހުން އެއްކޮށްގެން އާއިލާތަކުން ބާއްވާ މާހެފުންތަކާއި އޮފީސްތަކުން ބާއްވާ މާހެފުންތަކުގެ އިތުރުން ސިޔާސީ އެކިއެކި ޕާޓީތަކުން ބާއްވާ ބޮޑެތި ހަފްލާތަކަށް ބަދަލުވެފަ އެވެ. އެކަން ކުރަމުން ގެންދިޔަ ގޮތައް ބަދަލުތަކެއް އައި ނަމަވެސް ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހަފްތާއަކަށް ވާއިރަށް މާހެފުމުގެ ކަންތައްތައް ފެށިގެންދެ އެވެ.

ރާއްޖޭގެ ކުރީގެ ސަގާފަތްތަކާއި އާދަކާދަތައް ދިރާސާ ކުރައްވާ އަދި ހއ. އަތޮޅުވެރިކަން ކުރައްވާފައިވާ އާދަމް އަބްދުއްރަހުމާން (އާދަންބެ) ވިދާޅުވި ގޮތުގައި މާހެފުމަށް އެންމެ ފުރަތަމަ ބޭނުން ކުރަން ފަށައިފައި ވަނީ މާ ޖައްސައިގެން ބޭނުން ކުރެވޭ އެއްޗިއްސެވެ. އެކަން ފެށިގެން އައީ މީގެ އަހަރުތަކެއް ކުރިން ކަމަށާއި ދިވެހިންގެ ދިރިއުޅުމުގެ ތެރެއިން އެދުވަސް ވަރު ބުނެދޭ ނަމަ އެދުވަސްވަރު ރަށްރަށުގައި ބޭނުންކުރަމުން ގެންދިޔައީ އަޅިއަށް ފެންޖަހައި މޮޑެގެން ހަދާފައި ހުންނަ އުނދުން ކަމުގައި އޭނާ ވިދާޅުވި އެވެ.

"އަޅިއަށް ފެން ޖަހައިގެން މޮޑެގެން އެއަޅިގަނޑު ބޭނުންކޮށްގެން ތިން ފައި ޖަހައިގެން ހަދާފައި ހުންނަ އުނދުން އޭރު ހުންނާނީ، އެ އުނދުން ދޭތެރޭގައި ކައްކަމުން ގޮސް އަލިފާނުން ހޫނުވެގެން ހަލާކުވާނެ. އަނެއްކާ ވެސް އެއުނދުން ހަލާކުވީމާ ހަދާނީ. ރޯދަ މަސް އަންނައިރު އެ އުނދުންތައް އަލުން ހެދުމަށް މަސައްކަތް ކުރާ ދުވަހަކީ ޝައުބާން މަހުގެ ތިރީސް ވަނަ ދުވަސް. މާހެފުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ އެދުވަހު،" އާދަންބެ ވިދާޅުވި އެވެ.

އާދަންބެ ވިދާޅުވީ އެދުވަހު މެންދުރު ކެއުމަށް ހެނދުނު ހެދުނާއި ޒުވާރި ފަދަ އެއްޗެހީގައި މާޖައްސައިގެން ބޭނުން ކުރާ ކަމަށެވެ. އޭގެ ބޭނުމަކީ ބަތާއި ރިހަޔާއި ރޮށި ފަދަ އެއްޗެއް ތައްޔާރުކޮށްފި ނަމަ މެންދުރުވާއިރަށް އެތަކެތި ކުނިވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތަކީ މާހެފުމަށް ތައްޔާރުކުރުމަށް ކުރަން ފެށި ކަމެއް ނޫން އެކަމަކީ، އުނދުންތައް ހަދަން ވަގުތު ހޯދަން ވެެގެން ކޮންމެވެސް އެއްޗެއް މެންދުރަށް ކާން ކުރަން ފެށި މަސައްކަތެއް އެއީ އުނދުންތައް ހަދާފައި ހިކެންދެއް ބަހައްޓާނީ، ކޮންމެ ގޮތެއް ވިޔަސް އެެރޭ ރޯދައަށް ވެއްޖެއްޔާމުން އެރޭ ހާރަށް ކަންކަން ޖެހޭނެ. އެހެންވެ އެދުވަހު އެއްކޮށް މާލައްވާފައި ހުންނަ އެއްޗެއްސާއި އެފަދަ ހަރު އެހެނިހެން އެއްޗެއް އެދުވަހު ކެއުމަށް ބޭނުން ކުރާނީ. އެއީ އެކަން ފެށި ކަމަށް ބުނާ ގޮތަކީ،" އާދަންބެ ވިދާޅުވި އެވެ.

ދިވެހިންގެ މެދުގައި އަށަގެންފައިވާ އެކިއެކި ސަގާފީ އަދަކާދަތަކާ ބެހޭ ގޮތުން ބައެއް ކަހަލަ ފޮތްތައް ވެސް ލިޔުއްވާފައިވާ އާދަމްބެ ވިދާޅުވީ މާހެފުމުގެ ސަގާފަތް ފެށިގެން އައި ކަމަށް ބޮޑަށް ބެލެވެނީ މާޖައްސައިގެން ކެއުމަށް ބޭނުންކުރި އެއްޗެހިންނެވެ. ނަމަވެސް އޭގެ އަސްލަކީ އެނޫން ގޮތެއް ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާހެފުމުގެ ސަގާފަތް މިހާރު މިވަނީ ހާލަތާއި އެއްގޮތަށް ވަރަށް ބޮޑަށް ބަދަލުވެ "މާ" ވެފައި ކަމަށެވެ. އެގޮތުން މާހެފުމަށް ބޭނުން ކުރަމުން ގެންދިޔަ އެއްޗެހީގެ ތެރެއަށް އެތައް އެއްޗެއް މިވަނީ އިތުރުވެފަ އެވެ. ނަމަވެސް މާހެފުމަށް އެންމެ ކުރިން ފެށިގެން ބޭނުން ކުރަމުން އައި ކަދުރާއި ކާއްޓާއި މަސް އަދިވެސް މާހަފާ މާލަންތަކުން ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މަހެފުން މިހާރު މި ވަނީ ޒަމާނީ އެއްގޮތަށް ބަދަލުވެފަ އެވެ. އެކަން ކުރާ ގޮތާއި ކާން ބޭނުންކުރާ ތަކެތި ވެސް މިވަނީ ބަދަލުވެފަ އެވެ.