20 Mar 2010, 10:29
ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި އާސެނަލް ބައްދަލުކުރަން ޖެހިއްޖެ އެވެ.
އާސެނަލް ވަނީ 2006 ވަނަ އަހަރު ޗެމްޕިއަންސް ފައިނަލުގައި 2-1 އިން ބާސެލޯނާ އަތުން ބަލިވެފަ އެވެ. އެންމެފަހުގެ ރަނަރަޕް މެންޗެސްޓަރ ޔުނައިޓެޑާއި ބަޔާން މިޔުނިކު ބައްދަލުކުރާ މެޗަކީ މިފަހަރުގެ ކުއާޓާ ފައިނަލުގައި އެންމެ ފޯރިގަދަވެގެންދާނެ މެޗު ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ޗެލްސީ ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދި އިންޓަމިލާން ބައްދަލުކުރަން ޖެހެނީ މުބާރާތުގައި ހައިރާން ކުރުވަނިވި ނަތިޖާ ތަކެއް ނެރެފައިވާ ރަޝިޔާގެ ސީއެސްކޭ މޮސްކޯއާ އެވެ. މަޝްހޫރު ރިއާލް މެޑްރިޑް ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދި ލިޔޯން ނިކުންނާނީ ބޯޑޯއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މިމަހުގެ 30-30 ގައި ކުޅޭއިރު ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 6-7 ގަ އެވެ.