ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ދުނިޔޭގެ އެއްވަނަ، ނޮވަކް ޖޮކޮވިޗްގެ މައްޗަސް ދުނިޔޭގެ ދެވަނަ، އެންޑީ މަރޭ ހޯދި ފުރިހަމަ ކާމިޔާބާ އެކު އެމުބާރާތް ކާމިޔާބު ކުރުމަށް އިނގިރޭސީން ކުރަމުން ގެންދިޔަ 77 އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނެސްފި އެވެ.

މަރޭ ވިމްބަލްޑަންގެ ތަށި އުފުލާލީ 6-4، 7-5 އަދި 6-4 އިން ޖޮކޮވިޗްގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

ވިމްބަލްޑަން ކާމިޔާބު ކުރުމުން އިނގިރޭސި ރާނީއާއި ބޮޑުވަޒީރުވަނީ ޑޭވިޑް ކެމަރަންގެ އިތުރުން އެގައުމުގެ މަޝްހޫރު ސެލެބްރިޓީންނާއި އަދި ކުޅިވަރު ކުޅޭ ފަރާތްތަކުންވެސް ވަނީ މަރޭއަށް ޝުކުރު އަދާކޮށް މަރުހަބާ ކިޔާފަ އެވެ.

"އެންޑީ މަރޭގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާ ހިލާފް މޮޅު ކުޅުމެއް. އަދި ހަމަ އެހެންމެ ބްރިޓިޝް ޓެނިހާއި، ހުރިހާ އިނގިރޭސިންނަށްވެސް މިއީ އުފާވެރި ދުވަހެއް" ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވި އެވެ.

މަރޭ ބުނީ ވިމްބަލްޑަން ކާމިޔާބު ކުރުމާއި، މެންސް ޗެމްޕިއަންޝިޕް ހޯދުމަށް އިނގިރޭސީން، 77 އަހަރު ދުވަސް ވަންދެން ކުރަމުން ގެންދިޔަ ދިގު އިންތިޒާރަށް ނިމުމެއް ގެނެސްދެވުމަކީ ޓެނިހުގައި އެނާއަށް އެންމެ ކުރިއަށް ދެވުނީ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ވިމްބަލްޑަން ކާމިޔާބު ކުރުން، އެކަން ކުރެވިއްޖެ ކަމަށް ގަބޫލުކުރަންވެސް އަހަންނަށް ދަތި،" އުފަލުން ފޮޅިފައިހު އިނގިރޭސި އެއްވަނަ ޓެނިސް ކުޅުންތެރިޔާ ބުންޏެވެ. "ވިމްބަލްޑަންގެ އެންމެ ފަހު ގޭމަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް ކުޅުނު އެންމެ އުނދަގޫ މެޗް"

"ވިމްބަލްޑަން ކާމިޔާބު ކުރުމަކީ ޓެނިހުގައި އެންމެ ކުރިއަށް ދެވުން. އެންމެ ފަހު ގޭމް ކުޅެމުން ދިޔައިރު އަހަރެންނަށް އެ އިހްސާސްތައް ކުރެވެމުން ދިޔަ،" މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ނަމަވެސް އޮލިމްޕިކް ގޯލްޑް މެޑަލް، އަދި ޔޫއެސް އޯޕަންއާއި މިފަހަރުގެ ކާމިޔާބާއެކު ދެ ގްރޭންޑް ސްލޭމް ޓަޓްލް ކާމިޔާބު ކުރި މަރޭ ބުންޏެވެ.

ވިމްބަލްޑަން ޓެނިސް މުބާރާތް 1896ގެ ފަހުން ކާމިޔާބު ކުރި ފުރަތަމަ ސްކޮޓިޝް ކުޅުންތެރިޔާ، މަރޭ ވަނީ އޭނާގެ ކޯޗް އިވާން ލެންޑްލް އޭނާއަށް އިތުބާރުކޮށް، ވޭތުވެ ދިޔައަހަރުން ފެށިގެން އޭނާ ތަމްރީނުކޮށްދެމުން އައިސްފައިވާތީ، ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މަރޭގެ އެ ކާމިޔާބާ އެކު ވިމްބަލްޑަން މެންސް ސިންގަލްސް 36 ފަހަރު ކާމިޔާބުކޮށްގެން އެ ޓައިޓްލް އެންމެ ގިނައިން މިހާތަނަށް ކާމިޔާބު ކޮށްފައިވާ ގައުމަކީ އިނގިރޭސިވިލާތެވެ. މަރޭގެ ކުރިން އެމުބާރާތް އެންމެ ފަހުން އިނގިރޭސީންނަށް ކާމިޔާބު ކޮށްދީފައިވަނީ، 1936 ވަނަ އަހަރު ފްރެޑް ޕެރީ އެވެ. އޭނާ ވަނީ 1934 އަދި 1935ގައި ވެސް އެމުބާރާ ކާމިޔާބު ކޮށް ޖެހި ޖެހިގެން ތިންފަހަރު މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފްވެސް ހޯދާފަ އެވެ.

ލަންޑަންގެ އޯލް އިންގްލެންޑް ކްލަބްގެ ސެންޓަ ކޯޓްގައި 15،000 މީހުން ކުޅިބަލަމުން ގެންދިޔަ އިރު އެތަނުގެ ބޭރުގައިވެސް އެތައް ހާސް ބަޔަކު ބޮޑު އިސްކްރީން ބަހައްޓައިގެން މެޗުބަލަމުން ގެންގޮސްފައިވެ އެވެ.

ފައިނަލްގައި މަރޭ ކުރި ހިތްވަރާއި ދެއްކި މޮޅުކުޅުމާއި އަދި އިނގިރޭސީން ވިމްބަލްޑަަން ޓްރޮފީއަކަށް ފެންބޮވައިގެންފައިވާ ދަނޑިވަޅެއްގައި އެހާ ޕްރެޝަރުގައި ކުޅެ މުބާރާތް ކާމިޔާބު ކުރުމުން، ނޮވަކް ޖޮކޮވިޗްވެސް ވަނީ މަރޭއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.