08 Jul 2013, 09:46
އިސްތަންބޫލް (ޖުލައި 8): ސަޢޫދީ އަރަބިޔާ އިން ޒަމާނީ ހަތިޔާރު ވަރަށް އަވަހަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އެގައުމުގެ އިދިކޮޅު ކޯލިޝަންގެ އައު ރައީސް އަހްމަދުލްޖިރްބާ ވިދާޅުވެއްޖެ އެވެ.
ތުރުކީގެ އިސްތަންބޫލްގައި ވާހަކަ ދައްކަވަމުން ޖިރްބާ ވިދާޅުވީ ޒަމާނީ ހަތިޔާރު ލިބިގެންނޫނީ ސޫރިޔާ ސިފައިންގެ މައްޗަށް އިދިކޮޅު ހަނގުރާމަވެރިންނަށް ކާމިޔާބު ނުހޯދޭނެ ކަމަށާއި ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެކަމުގެ ގެރެންޓީ އެންމެ ބޮޑަށް ދީފައި ވަނީ ސައޫދީ އަރަބިޔާ އިން ކަމުގައެވެ. ސައޫދީ އަރަބިޔާއަކީ އެމެރިކާ އިން ގިނަ އަދަދަކަށް ހަތިޔާރު ގަންނަ ގައުމުކަމަށް ވާތީ ސައޫދީ އަރަބިޔާ އިން އެމެރިކާގެ ޒަމާނީ ހަތިޔާރު ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ވެސް ޖިރްބާ ވިދާޅުވި އެވެ.
އަނެއްކޮޅުން ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ރައީސް އަހްމަދުލް ޖިރްބާ އަށް ތާއީދުކުރާކަން އެމެރިކާ ވަނީ ހާމަކޮށްފަ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނީ ސޫރިޔާގެ ދައުލަތުގެ މުޅިނިޒާމު ރޫޅިގެންދިޔުމުން ސަލާމަތް ކުރުމަށް ޓަކައި އަހްމަދުލް ޖިރްބާއާ އެކު މަސައްކަތްކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަމުގަ އެވެ. ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕަށް އައު ލީޑަރުންތަކެއް އިންތިޚާބު ކުރުމާގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެވުޒާރާގެ ތަރްޖަމާން ޖީން ބެސާކީ ވިދާޅުވީ ސޫރިޔާގެ ރައްޔިތުން ތަމްޘީލްކުރާ ހަމައެކަނި ފަރާތަކީ އިދިކޮޅު ކޯލިޝަން ކަމުގަ އެވެ. އަދި ސޫރިޔާގައި މިހާރު ކުރިޔަށްދާ އަހްލީ ހަނގުރާމައާ އެކު ސޫރިޔާގެ މުޅި ދައުލަތް ރޫޅި ކުދިކުދި ދައުލަތްތަކަކަށް ސޫރިޔާ ބައިބައިވެގެން ދިޔުމުގެ ފުރްސަތު ނުދިނުމަށް ޓަކައި އިދިކޮޅު ކޯލިޝަންގެ ރައީސް އަހްމަދުލްޖިރްބާ އަށާއި އެ ކޯލިޝަންގެ އައު ލީޑަޝިޕާ އެކު މަސައްކަތްކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވެސް ވަނީ ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ އައު ލީޑަޝިޕަށް މަރްޙަބާކިޔައި އެލީޑަރޝިޕާ އެކު މަސައްކަތްކުރަން ތައްޔާރަށްއޮތްކަން ހާމަކޮށްފަ އެވެ. ސޫރިޔާގެ އިދިކޮޅު ކޯލިޝަންއަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސިޔާސީ ޖަމާއަތްތަކާއި ހަނގުރާމަވެރި ޖަމާއަތްތައް ގުޅިގެން އުދައްދާފައިވާ ކޯލިޝަން ޖަމާއަތެކެވެ. މި ކޯލިޝަނަށް އައު ލީޑަޝިޕެއް އިންތިޚާބުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބަންދުގައި ތުރުކީގެ އިސްތަންބޫލްގައި ބޭއްވި އެކޯލިޝަންގެ ޚާއްސަ ޖަލްސާއެއްގަ އެވެ. (އަލްޖަޒީރާ)