08 Jul 2013, 09:33
ސެންފްރަންސިސްކޯ (ޖުލައި 7): އެމެރިކާގެ ސެންފްރަންސިސްކޯ އެއަޕޯޓަށް ޖައްސަން އުޅުނިކޮށް ވެއްޓުނު ދެކުނު ކޮރެޔާގެ ބޮއިންގް 777 މަރުކާގެ ފަސިންޖަރު މަތިންދާބޯޓު ވެއްޓުނީ ޖައްސަން ދިޔަވަގުތު އެބޯޓުގެ ދުވެލި ހުންނަންވާވަރަށް ވުރެ މަޑުވުމުގެ ސަބަބުންކަމަށް އެމެރިކާގެ ވައިގެ ސަލާމަތާބެހޭ އެޖެންސީން ބުނެފި އެވެ.
އެއެޖެންސީގެ ރައީސާ ޑީޕޫރާ ހެރްސްމަން ވިދާޅުވީ އެބޯޓު ވެއްޓެންޖެހުނު ސަބަބުތައް ބަލައި ތަޙްޤީގު ކުރިއިރުއެ ބޯޓު ވެއްޓުމުގެ ސަބަބެއްކަމަށް ފެނުނީ ކުއްލި ޙާލަތުގައި ސެންފްރަންސިސްކޯ އެއަޕޯޓަށް ޖައްސަން ދިޔަވަގުތު އެބޯޓުގެ ދުވެލި ހުންނަންވާ ވަރަށް ވުރެ މަޑުވުމުގެ ސަބަބުންކަން ކަށަވަރުވެފައިވާ ކަމުގަ އެވެ. އަދި އެބޯޓުގައި އަލިފާން ރޯވީ ތިރިކުރުމުގެ ތެރޭގައި އޭގެ ފަހަތުކޮޅު ބިމުގައި ޖެހިގެން ކަމަށް ވެސް މިހާތަނަށް ހޯދުނު މަޢްލޫމާތުތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ދެކުނު ކޮރެޔާގެ އެންމެ ބޮޑު އެއަލައިން ކަމަށްވާ "އާސިޔާނާ"ގެ މަތިންދާބޯޓެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ސެންފްރަންސިސްކޯ އެއަޕޯޓަށް ތިރިކުރަން ޕައިލެޓް މަސައްކަތް ކޮށްފައި ވަނީ އެބޯޓުގައި ފަންނީ މައްސަލައެއް އުޅޭކަމަށް ޝައްކުކުރެވިގެން އިމަޖެންސީ ގޮތެއްގަ އެވެ. ނަމަވެސް އެބޯޓުގައި އެފަދަ މައްސަލައެއް އުޅޭކަން ތަޙްގީގުތަކުން އަދި ސާބިތުވެފައެއްނުވެ އެވެ. މިޙާދިސާގައި މަރުވީ އެބޯޓުން ދަތުރުކުރި ޗައިނާގެ ދެއަންހެން ކުދިންނެވެ. ތިންސަތޭކަ ހަތް މީހުން ދަތުރުކުރި އެބޯޓު ވެއްޓުމުގެ ޙާދިސާގައި 180 މީހުން ޒަޚަމްވެފައިވާ އިރު ހަ މީހެއްގެ ޙާލަތު ވަރަށް ނުރައްކަލެވެ.
ދެކުނު ކޮރެޔާގެ އެބޯޓު ޖައްސަން އުޅެނިކޮށް ވެއްޓިފައި ވަނީ ސެންފްރަންސިސްކޯ އެއަޕޯޓާ ވަރަށް ކަރީ ހިސާބަކަށެވެ. ބޯޓުގައި އަލިފާން ރޯވުމާ އެކު އެތަށް ފަސިންޖަރުންނެއް ބޯޓުގެ އިމަޖެންސީ ދޮރުތަކުން ވަނީ ފުންމާލާފަ އެވެ. މި ބޯޓު ދަތުރުކުރަމުން ގެންދިޔައީ ދެކުނު ކޮރެޔާގެ ސޯލް އިން ސެންފްރަންސިސްކޯއަށެވެ. (ބީ.ބީ.ސީ)