ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް (މުލަ ރޯދަ ދުވަހަށް) ވާނީ މި ހިނގާ ޖުލައި މަހުގެ 9 (މާދަމާ) ވާ އަންގާރަ ދުވަހެވެ.

ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައި ވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ޖުލައި މަހުގެ 9 ވާ އަންގާރަ ދުވަހެވެ. "މައްކާ ކަލަންޑަރު"ގެ ނަމުގައި ސައޫދީ އަރަބިއްޔާގައި ގެންގުޅޭ ރަސްމީ ނޫން ކަލަންޑަރުގައި ސައޫދީ އަރަބިއްޔާ އަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ވާނެ ކަމަށް ފާހަގަ ކޮށްފައި ވަނީ ޖުލައި މަހުގެ 10 ވާ ބުދަ ދުވަހުއެވެ. "މައްކާ ކަލަންޑަރު"ގެ ވެބްސައިޓުގައި ރާއްޖެއަށް ވެސް މުލަ ރޯދަ ދުވަސް ވާނީ ޖުލައި މަހުގެ 10 ވާ ބުދަ ދުވަހު ކަމަށް ލިޔެފައިވެއެވެ. އެހެންނަމަވެސް މޮރޮކޯއަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ވާނީ ޖުލައި މަހުގެ 9 ވާ އަންގާރަ ދުވަހު ކަމަށް އެ ވެބްސައިޓުގައި ލިޔެފައިވެ އެވެ. "މައްކާ ކަލަންޑަރު"ގެ ނަމުގައި ގެންގުޅޭ ކަލަންޑަރުގައި އެކި ގައުމު ތަކަށް މަސް ފެށޭ ދުވަސް ތަފާތުކޮށް ބަޔާން ކުރާތީ، އެއީ އިސްލާމީ އެއްބައިވަންތަ ކަމުގެ ރޫޙާ ޚިލާފު ކަލަންޑަރެއް ކަމަށް ބުނެ ބައެއް ގައުމުތަކުން އެ ކަލަންޑަރު ބަލައެއް ނުގަނެއެވެ.

ދިވެހިރާއްޖެ އާއި އަދިވެސް އިސްލާމީ ގިނަ ގައުމުތަކުގައި ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެ ކަމަށް ދައްކާ ނަމަ، ދެން ވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.

މިއަދަކީ 1434 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މިއަދުގެ އިރު އޮއްސޭ އިރު، ފެންމަތީގައި ހަނދު ހުންނާނެއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 3 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 2 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 5 މިނެޓު ފަހުންނެވެ. އަރަބިކަރައަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 1 މިނެޓު ފަހުންނެވެ. އިންޑޮނޭޝިޔާއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 3 މިނެޓު ފަހުންނެވެ. އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު އޮތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

ލީބިޔާ ފަދަ ބައެއް ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު، އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އައިސް މާރަހަ (އިގްތިރާން) ވުމަށް ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވާނީ، ޖުލައި 8 ވާ ހޯމަ ދުވަހު (މިއަދު) ރާއްޖޭ ގަޑިން މެންދުރު 12:14 ގައެވެ. އެހެންވީމާ އިޤްތިރާން ވުމަށް ފަހު ދެން އަންނަ ދުވަހަކީ މާދަމާ (އަންގާރަ ދުވަސް) އެވެ.

ސަޢުދީ ޢަރަބިއްޔާގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން އިޤްތިރާން ވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. އިޤްތިރާން ވާނީ މައްކާ ގަޑިން މިއަދު ހެނދުނު 10:14 އެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 19:05 ގައެވެ. ހަނދު އޮއްސޭނީ 19:06 ގައެވެ.

އެހެން ކަމުން ސަޢުދީ ޢަރަބިއްޔާގައި ރަސްމީކޮށް އަމަލުކުރާ އުސޫލުން ބެއްޔަސް، އަދި ލީބިޔާ ފަދަ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި މާދަމާ، 9 ޖުލައި 2013 ވާ އަންގާރަ ދުވަހަކީ 1434 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހެވެ. އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަން އިއުލާން ކޮށްފައެވެ.