އިންޑިއާ އިން ދިވެހިންނަށް ދެމުން އައި ވިސާ ދިނުމުގައި އުދަނގޫތަކެއް ކުރިމަތިކުރަން ފެށި ފަހުން ބޭސްފަރުވާ ހޯދުމަށް ލަންކާ އަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސަންޑޭ ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ގޮސްވެގެން ގޮސްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރުގެ އަތުން ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓް އަތުލުމުން ކަމަށެވެ.

އަދި މިހާރު މަޑުމަޑުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުވަމުން އަންނަ ނަމަވެސް، އިންޑިއާ އިން އަދިވެސް ދިވެހިންނަށް ވިސާ ދިނުމާއި އިމާރާތްކުރަން ބޭނުންވާ މެޓީރިއަލްސް ރާއްޖެ އަށް އެކްސްޕޯޓުކުރުމުގައި އުދަނގޫތަކެއް ކުރިމަތިކުރަމުންދާ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ ކަމަށް ސަންޑޭ ޓައިމްސް އިން ބުނެ އެވެ.

"އިންޑިއާ އިން މިހާރު ވިސާ ލިބެނީ ވަރަށް އުދަނގުލުން. އެހެންވުމުން ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް މިހާރު އަންނަނީ ލަންކާ އަށް،" ރައީސް ވިދާޅުވި އެވެ.

ސަންޑޭ ޓައިމްސް އިން ބުނީ ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓުގައި ދެވަނަ ރަންވޭއެއް ބިނާކޮށް، ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ދިވެހިންނަށް ހޯދޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ ކަމަށެވެ.

"މިހާރު އެއާޕޯޓް އެ ހިންގަނީ ދިވެހި ކުންފުންޏަކުން. ވަރަށް އަވަހަށް އާ ރަންވޭއެއްގެ މަސައްކަތް ވެސް ފަށާނަން. ދިވެހިން ބޭނުންވާ ގޮތަށް އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދާނަން،" ރައީސް ވިދާޅުވި އެވެ.