07 Jul 2013, 23:16
ރާއްޖޭގައި ޑެމޮކްރަސީގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެމެރިކާ އަށް ލިބޭ ފަހުރެއް ކަމަށް އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝޭލް ޖޭ ސިޒޯން ވިދާޅުވެއްޖެ އެވެ.
މިރޭ ޓްރޭޑާސް ހޮޓެލްގައި އެމެރިކާގެ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިޝޭލް ޖޭ ސިޒޯން ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ 2008 ވަނަ އަހަރުގެ ތެރޭގައި ދެއްވި ތަގުރީރެއް ފާހަގަކޮށްފަ އެވެ.
ސިޒޯން ވިދާޅުވީ އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރެއްވި އިރު، އޭރުގެ ސެނެޓާ ބަރަކް އޮބާމާ ވަރަށް އަސަރުގަދަ ތަގުރީރެއް ދެއްވި ކަމަށެވެ. އަދި އެތަގުރީރުގައި އޮބާމާ ފާހަގަކުރެއްވި ވާހަކައަކީ ޑެމޮކްރަޓިކް ވެރިކަމެއްގެ ތެރެއިން އެމެރިކާ އިން މީގެ 200 އެތައް އަހަރެއް ކުރިން ފެށި ދަތުރުގެ ވާހަކަ ކަމަށެވެ.
"އޮބާމާ ވިދާޅުވީ އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ޒިންމާއަކީ ފަހަތަށް ބެލުމެއް ނެތި ކުރިއަށް ދިއުން ކަމަށް. ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގައި އެމެރިކާގެ ކާބަފައިން ލިޔެފައިވާ "ޕާފެކްޓް ޔޫނިއަން" ވަރުގަދަކުރުމަށް މަސައްކަތްކުރުމަށް އޮބާމާ ގޮވާލެއްވީ. އޮބާމާ ވިދާޅުވީ އެއީ އެމެރިކާގެ "އިމްޕްރޮބެބަލް އެކްސްޕެރިމެންޓް" [ހަގީގަތަކަށް ވުން ދުރުގައިވާ ދިރާސާ) ކަމަށް]." ސިޒޯން ވިދާޅުވި އެވެ.
ސިޒޯން ވިދާޅުވީ އޮބާމާގެ އެ ތަގުރީރު އަޑު އިވުމުން ހަނދާނަށް އަންނަނީ ރާއްޖެ އިން ޑެމޮކްރަޓިކް ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ ދަތުރު ކަމަށެވެ.
"ދިވެހިރާއްޖޭގެ ވާހަކަ ހިތަށް އެރުމުން ހަނދާން ވަނީ އޮބާމާގެ އެވާހަކަފުޅު. އަދި ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގައި އެމެރިކާގެ ކާބަފައިން ލިޔެފައިވާ ވާހަކަތައް. އެއީ ކުރިއަށް ދުވަސްތަކުގައި އަނެއްކާ ވެސް ދިވެހި ރައްޔިތުން އެމީހުންގެ އަޑު ޑެމޮކްރަޓިކް އުސޫލުތަކުގެ ތެރެއިން އިއްވާނެތީ. ޑެމޮކްރަޓިކް ނިޒާމަކަށް ބަދަލުވުމަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާ އަށް ލިބޭ ފަހުރެއް،" ސިޒޯން ވިދާޅުވި އެވެ.
ސިޒޯން ވިދާޅުވީ މިހާރު ވެސް އެމެރިކާ އިން ރާއްޖެ އަށް އެހީވަމުންދާ އެއް ޕްރޮގްރާމަކީ އިންތިހާބުގެ ކަންކަން މޮނިޓާކުރުމުގައި އެހީތެރިވުމުގެ ޕްރޮގްރާމެއް ކަމަށެވެ.
މިޕްރޮގްރާމަކީ އެމެރިކާގެ އެންޖީއޯއެއް ކަމަށް އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް އިން ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްވެ ވާހަކަފުޅު ދެއްކެވި އެވެ. ނާޒިމްގެ ވާހަކަފުޅުގައި އެމެރިކާ އާއި ދިވެހި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޓަކައި އެމެރިކާގެ ސަފީރަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
އެމެރިކާގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހެވެ. މިދުވަހަކީ އެމެރިކާ މަޝްހޫރު ތާރީހީ ލިޔުން ކަމަށްވާ "ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް" ނުވަތަ މިނިވަންކަމުގެ ގަރާރުގައި އެމެރިކާގެ މިނިވަންކަމުގެ ބާނީ އިން ސޮއިކުރި ދުވަހެވެ. ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގައި ސޮއިކޮށްފައި ވަނީ 1776 ވަނަ އަހަރު އެވެ.