07 Jul 2013, 23:02
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން ނެރެން ކަނޑައަޅާފައިވާ ރިސާޗު ޖާނަލްގެ ފުރަތަމަ އަދަދު މިއަދު ނެރެފި އެވެ.
ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެޑިޓޯރިމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޖާނަލް ނެރެދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދެވެ.
ޖާނަލް ނެރެދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ރިސާޗު ނޫނީ ދިރާސާ ކުރުމުގެ އާދަކާދަ އާލާކުރުމުގެ ގޮތުން ރިސާޗު ގްރާންޓް ސްކީމެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި ރިސާޗު ފެލޯޝިޕް ސްކީމެއް ވެސް ގާއިމު ކުރައްވާނެ ކަމަށެވެ.
ގައުމީ ޔުނިވަސިޓީން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޖާނަލް އަކީ "ޑަބްލް ބްލައިންޑްކޮށް ރެފްރީކޮށް" ނެރުނު ފުރަތަމަ ޖާނަލް ކަމަށެވެ.
އެ ޖާނަލް ރިވިއުކޮށްފައި ވަނީ، ގައުމީ ޔުނިވަސިޓީ އިން ބުނި ގޮތުގައި، ޑރ. އައިޝަތު ޝެހެނާޒު އާދަމާއި ޑރ. މުހައްމަދު ލަތީފާއި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަލީ ޝަރީފާއި ޑރ. މަރިޔަމް ސުޒީ އާއި ޑރ. ހަސަން އުގައިލް އާއި އަދި ޑރ. އިވާކަރު ސިގް އެވެ.
ރިސާޗު ޖާނަލްގެ ދެ ވަނަ އަދަދު އަންނަ ޑިސެމްބަރު މަހު ނެރޭނެ ކަމަށް ވެސް ގައުމީ ޔުނިވަސިޓީ އިން ބުންޏެވެ.