07 Jul 2013, 20:25
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ބަރަހަނާ ވީޑިއޯ ނަގައިގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭކަމަށް ފުލުހުން ތުހުމަތު ކުރާ ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު)ގެ ގެޔަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ފުލުހުން އެގެބަލައި ފާސްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ސައީދުގެ ގާނޫނީ ވަކީލު ނޫރުބާން ފަހުމީ މިރޭ ވިދާޅުވީ ކޯޓު އަމުރެއް ހިފައިގެން ސައީދުގެ ގެއަށް ފުލުހުން ވަދެފައި ވަނީ މިއަދު ހަވީރު 5:30 އެހައިކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ ހަވީރު 5:30 އެހައިކަންހާއިރުން ފެށިގެން މިރޭ 8:00 އެހައިކަންހާއިރާ ހަމައަށް ފުލުހުން އެގޭތެރެ ބަލައި ފާސްކުރުމަށް ފަހު ސައީދުގެ ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ގެންދިޔައީ ކޮންއެއްޗިއްސެއްކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ދެ ފަހަރެއްގެމަތިން ފުލުހުން ވަނީ ސައީދު ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ފުރަތަމަ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު ފުލުހުންގެ ސުވާލުތަކަށް ޖަވާބުދީފައިވެ އެވެ. ނަމަވެސް ދެވަނަ ދުވަހު ގާނޫނީ ވަކީލާ އެކު ފުލުސް އޮފީހަށް ހާޒިރުވެ ސައީދު ވަނީ ހަނުހުރުމުގެ ހައްގުގެ ބޭނުން ކޮށްފަ އެވެ.
ސައީދުގެ ގާނޫނީ ވަކީލު ނޫރުބާން ވިދާޅުވީ އެ ދުވަހު ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފައި ވަނީ އެ މައްސަލައާ ބެހޭ އިތުރުމައުލޫމާތު ފުލުހުން ދީފައި ނުވާތީ ކަމަށެވެ.
ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯ ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާގެ ކުރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފަނޑިޔާރު އަލީ ހަމީދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް އޭނައާ ސުވާލުކޮށްފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެނގިފައެއް ނުވެ އެވެ.
އަލީ ހަމީދު ހިލޭ އަންހެނުންނާ އެކު ޖިންސީގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަސް މެންބަރުންގެ ޚާއްސަ ކޮމެޓީއެއް އުފައްދައިފަ އެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަންގެ ނާއިބު ރައީސް އަބްދުﷲ ދީދީ އާއި ކޮމިޝަންގެ މެމްބަރު ލަތީފާ ޤާސިމާއި ކޮމިޝަންގެ މެންބަރު އަހްމަދު ރަޝީދުގެ އިތުރުން ކޮމިޝަނުން ބޭރު ދެ ބޭފުޅުންގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖާއި ގާނޫނީ ވަކީލު މުހައްމަދު އަނިލް ކަމަށް ޖޭއެސްސީން ބުންޏެވެ.