އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމްރާއަކަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިއަދު މެންދުރު ފަހު މާލެ އިން ފުރާވަޑައިފގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސައުދީ އަރަބިއްޔާ އަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ.

އޭގެ އިތުރުން އުމްރާ ދަތުރުފުޅަށް ފަހު ވަގުތު ލިބިވަޑައިގެންފި ނަމަ މާލެ ވަޑައިގަތުމުގެ ކުރިން މެލޭޝިޔާ އަށް ވަޑައިގެން އެގައުމުގައި ތިބި ދިވެހި އާއިލާތަކާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު އެ ދަތުރުފުޅުގައި ގިނަވެގެން ވެސް ވާނީ ދިހަ ދުވަސް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގައި އެއްވެސް ހުރަހެއް އެމަނިކުފާނަށް ނެތް ކަމަށާއި މާލެ ވަޑައިގަތުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ރަނިމޭޓެއް ކަނޑައެޅުމުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

"ރަނިމޭޓް ކަންތައް މިހާރު އެކީގައިހެން އޮތީ ނިމިފައި. އިރާދަކުރެއްވިޔާ ފޯމް ފުރާ އިރު އެ ނަން އޭގައި ހިމެނިގެން އެ ފޯމް އަޅުގަނޑުމެން ހުށަހަޅާނީ،" ނަޝީދު ވިދާޅުވި އެވެ.

އުމްރާ އަށް ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ވަޑައިގެންފަ އެވެ.