ހދ. ނޮޅިވަރަމް ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކެއް އެ ރަށު ކައުންސިލުން ނުދީ ހިފަހައްޓާފައި ވާތީ، އެ ގޯތިތައް ދޫކުރުމަށް މަޖިލީހުން އަމުރެއް ނެރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ބަހުސް ކުރުމަށް ފަހު 1:30 އެ ރިޕޯޓް ފާސް ކުރުމާ މެދު މެންބަރުންގެ މެދުގައި ވޯޓަކަށް އަހާނެ އެވެ. މެންބަރުން އަގުލަބިއްޔަތުން ނުވަތަ އިންތިފާގަކުން ވިޔަސް އެ ރިޕޯޓް ފާސްވެއްޖެ ނަމަ ނޮޅިވަރަމުން ގޯތި ދޫކުރުމަށް މަޖިލީހުން އަމުރެއް ނެރެން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް ލާޒިމްވާނެ އެވެ.

މަޖިލީހުން އަމުރެއް ނެރުމާ މެދު ބަހުސް ކުރުން އޮތީ މަދަމާގެ ޖަލްސާގެ އެޖެންޑާގެ އެންމެ ފުލުގަ އެވެ.

ކޮމެޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓުން މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ރަށުން ގޯތި ދޫކުރުގެ ހުއްދަ ދީފައިވާކަން އެނގޭ ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހދ. އަތޮޅު ކައުންސިލް އިދާރާ އަށް ފޮނުވި ސިޓީއެއްގައި ނޮޅިވަރަމުން ގޯތި ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށާއި ނޮޅިވަރަމް ކޯޓުން ހުކުމަކުން އެ ގޯތިތަށް ދޫކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އަންގާފައިވާ ކަމަށެވެ.

ނޮޅިވަރަމުން ގޯތި ދޫނުކުރާ މައްސަލާގައި ކޮމެޓީ އަށް ހާޒިރު ކުރި ފަރާތްތަކުން ކޮމެޓީއާ ހިއްސާ ކުރި މައުލޫމާތުތަކާއި ކޮމެޓީ އަށް ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށް ރިޔާއަތް ކުރާއިރު އިދާރީ ގޮތުންނާއި މަދަނީ މިންގަނޑުތަކާއި ގާނޫނާއި ގަވާއިދަށް ރިޔާއަތް ކުރާ އިރު އެ ރަށުން 172 ގޯތި އޭގެ ހައްގުވެރިންނަށް ދޫކުރުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ކޮމެޓީން ނުދެކޭ ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.

އެހެންކަމުން ނޮޅިވަރަމް ކައުންސިލްގެ މައްޗަށް ކުރާ މަޖިލީހުން ކުރާ އަމުރަކުން، އެ އަމުރު މަޖިލީހުން ނެރޭތާ 30 ދުވަހުގެ ތެރޭގައި 172 ގޯތި އޭގެ ހައްގުވެރިންނަށް ދޫކުރުމަށް މަޖިލީހުން އަމުރު ކުރުމަށް ކޮމެޓީ އަށް ހާޒިރުވި ހަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓިގެ ރިޕޯޓުގައިވެ އެވެ.

މާދަމާގެ ޖަލްސާގައި ސަރުކާރުގެ އިލެކްޓިރިކް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ މިލިޓެޑް (ސްޓެލްކޯ)އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ) އަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރު ކުރުމަށް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ނިންމައިފި އެވެ. މާލިއްޔަތު ކޮމެޓިން އެ ރިޕޯޓު ތަޅުމަށް ފޮނުވުން މާދަމާގެ ޖަލްސާގައި ސަރުކާރުން އެ ލޯނަށް ގެރެންޓީ ދިނުމާމެދު މެންބަރުންގެ މެދުގައި ވޯޓެއް ނަގައި ގޮތެއް ނިންމާނެ އެވެ.

އެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައި ވަނީ ސެޕްޓެންބަރު 1، 2009 ގައި މަޖިލީހުން ފާސްކޮށްގެންނެވެ. ނަމަވެސް އެ ގެރެންޓީގެ މުއްދަތު މި އަހަރަށް ހަމަވާނެތީ، އެ މުއްދަތު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުއްވުމުން، މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ އެ ލޯނަށް ގެރެންޓީ އަންނަ އަހަރުގެ މާޗް 30ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.