މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިސްރުގެ އަސްކަރިއްޔާއިން އެ ގައުމުގެ ވެރިކަން ވައްޓާލުމަށްފަހު މިހާރު އެކުލަވާލާފައިވާ ވަގުތީ ސަރުކާރާ މެދު ރާއްޖެއިން ދެކޭގޮތް ހާމަކޮށް ވަރަށް އަވަހަށް ބަޔާނެއް ނެރޭނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ހާރިޖީ ވުޒާރާގައި މިއަދު އެމެރިކާ ސަރުކާރާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ވާހަކަދައްކަވަމުން އެމްބެސެޑާ އެޓް ލާޖް އަބްދުލް އަޒީޒް ޔޫސުފް (އަޒީ) ވިދާޅުވީ، މިސްރުގެ އާ ސަރުކާރާ މެދު ރާއްޖެއިން ދެކޭގޮތް ހާމަކޮށް ވަރަށް އަވަހަށް އެ ވުޒާރާއިން ބަޔާނެއް ނެރޭނެ ކަމަށެވެ.

"މިސްރުގައި ހިނގައިދިޔަ ކަންތައްތަކާބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި ސްޓޭޓްމަންޓެއް ނުނެރޭ. ދެން ސްޓޭޓްމަންޓެއް ނެރޭ ހިސާބަށް ދިއުމުން އެހެން ގައުމުތަކެކޭ އެއްގޮތަށް އަޅުގަނޑުމެން ވެސް ސްޓޭޓްމަންޓެއް ނެރޭނަން،" އަޒީ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިދަނީ މިސްރުގައި ކަންތައްތައް ހިނގަމުންދާގޮތް ބަލަމުން."

އަޒީ ވިދާޅުވީ، މިސްރުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން ސިޔާސީ ގޮތުން އެއްޗެއް ވިދާޅު ނުވި ކަމުގައިވީ ނަމަވެސް މިސްރަކީ ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ކިޔަވާ ކުދިންތަކެއް ތިބި ގައުމަކަށް ވުމުން އެކަމާ ވަރަށްބޮޑަށް ސަމާލުކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަމާލުކަށް އެންމެ ބޮޑަށް މިގެންނަނީ، މިސްރުގައި ރާއްޖޭގެ ވަރަށް ގިނަ ކިޔަވާކުދިން އެބަތިބި. އެކުދިންގެ ހާލު ބަލަމުން އަޅުގަނޑުމެން މި ގެންދަނީ. ދެން އެކުދިންނާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ކަމުގައި ވެއްޖިއްޔާ އަޅުގަނޑުމެން އެ ފިޔަވަޅެއް އަޅާނަން،" އަޒީ ވިދާޅުވި އެވެ.

އަޒީ ވިދާޅުވީ މިސްރުގައި ތިބި ދިވެހި ހުރިހާ ކުދިންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށާއި އަދި އެއްވެސް ދަރިވަރަކު މިހާތަނަށް އެއްވެސް ޝަކުވާއެއް ނުވަތަ ދަތި ކަމެއްގެ ވާހަކަ ހުށަހަޅާފައި ނުވާ ކަމަށެވެ.