ރާއްޖޭގައި 9.7 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ގެ ދެ މަޝްރޫއެއް ހިންގުމަށް އެމެރިކާއާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހާރިޖީ ވުޒާރާގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ އެމްއޯޔޫގައި ސޮއި ކުރެއްވީ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް އަބްދުލް އަޒީޒް ޔޫސުފް (އަޒީ) އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް (ޔޫއެސްއެއިޑް)ގެ އެކްޓިން މިޝަން ޑައިރެކްޓަރު ޓޮޑް ސޮރެންސަން އެވެ.

އަޒީ ވިދާޅުވީ އެމެރިކާއާއެކު އެމްއޯޔޫ އެއްގައި ސޮއިކުރީ ވަރަށް މުހިންމު ދެ މަޝްރޫއަކަށް ދިވެހި ސަރުކާރަށް ޓެކްނިކަލް އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

"މިއަދު އެމެރިކާއިން ރާއްޖޭގެ ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ ޔޫއެސްއެއިޑްގެ ދަށުން، ގްލޯބަލް ކްލައިމެޓް ޗޭންޖް އެޑޮޕްޓޭޝަން ޕްރޮޖެކްޓަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިމުމަށް ދެވޭ 7.2 މިލިއަން ޑޮލަރުގެ އެހީއެއް. އަނެއް ޕްރޮޖެކްޓަކީ، ޔޫއެސްއެއިޑްއިން ރާއްޖޭގެ އިލެކްޝަންސްގެ ކަންތަކުގައި އެހީތެރިވެދިނުމަށް ފޯރުކޮށްދެވޭ 2.5 މިލިއަން ޑޮލަރުގެ ޓެކްނިކަލް އެހީތެރިކަން،" އަޒީ ވިދާޅުވި އެވެ.

އަޒީ ވިދާޅުވީ، އެމެރިކާ ސަރުކާރުން ދެ މަޝްރޫއެއްގައި ރާއްޖެއަށް އެހީތެރިވެ ދިނުމަށް ސޮއިކުރި އެމްއޯޔޫގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި ތަފާތު މަޝްރޫއުތަކެއް ފަރުމާކުރެވި، އިތުރު އެމްއޯޔޫތަކެއްގައި ސޮއިކުރެވިގެން އެ މަޝްރޫއުތައް ރާއްޖޭގައި ހިންގޭނެ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެމެރިކާ ސަރުކާރުން ވެދޭ އެހީތެރިކަމާއި އަދި ބަހައްޓާ ގާތްކަމަށްޓަކައި އަޒީވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޔޫއެސްއެއިޑްގެ އެކްޓިން މިޝަން ޑައިރެކްޓަރު ވިދާޅުވީ ރާއްޖެއާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުމަކީ ޒަމާންވީ، ހަރުދަނާ އަދި ގާތް ގުޅުމެއް ކަމަށެވެ.

އަދި ރާއްޖޭގެ ސަރުކާރާއި ރައްޔިތުން، އެފަދަ އެކިއެކި ކަންކަމުގައި އެމެރިކާއަށް ދޭ އެއްބާރުލުން އަބަދު ވެސް ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި އިތުރު ދާއިރާތަކުން ވެސް ރާއްޖެއަށް އެހިތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.