07 Jul 2013, 15:41
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކަށް ގުޅުމަށް ގެންދިޔަ އައިވީފުޅިތަކެއްގެ ތެރެއިން ކުނޑިތަކެއް ފެނިއްޖެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޚަދީއްޖާ ހަފްސާ މިއަދު ވިދާޅުވީ "އާރުއެލް"ބެޗްގެ ދެ އައިވީ ފުޅިއަކުން މިދިޔަ ހަފްތާތެރޭ ކުނޑިފެނިފައިވާ ކަމަށާއި ފުޅިތެރޭ ކުނޑިތަކެއް ހުރިކަން އެނގުނީ ބަލި މީހަކަށް އައިވީ ގުޅަން ނެގި ފުޅިއެއްގައި ކުނޑި ހުރިކަން ފާހަގަވެގެން ނަރުހުން އެކަން ޑޮކްޓަރަށް އެންގުމުން ކަމަށެވެ.
"އައިވީ ގުޅަން ޖެހޭ ޕޭޝަންޓުގެ އާއިލާ އިން ފުޅި ގަނެގެން ހޮސްޕިޓަލާ ހަވާލުކުރީމާ އައިވީ ފުޅިތައް ބަހައްޓާނީ އެއްތަނެއްގައި. އެހެންވީމާ އެއީ ކޮންޕޭޝަންޓެއްގެ އާއިލާ އިން ހަވާލުކުރި ފުޅިއެއް ކަމެއް ނޭނގޭ. ދެފުޅިއެއްގެ ކުނޑިހުރިކަން ފާހަގަ ކުރެވުނީ،" ހަފްސާ ވިދާޅުވި އެވެ.
ކުނޑި ފެނުނު އައިވީ ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ އިރު އެ ހާދިސާ ހިނގުމާ ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓުން ފާމަސީތައް ޗެކްކޮށްފައިވާ ކަމަށް ހަފްސާ ވިދާޅުވި އެވެ. ނަމަވެސް އެ ބެޗްގެ އައިވީއެއް އެއްވެސް ފާމަސީއަކުން އަދި ފެނިފައިނުވާ ކަމަށް ވެސް ހަފްސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިވީތެރޭ ދެ ސެންޓިމީޓަރަށް ކުނޑި ހެދިފައިވާ ކަމަށެވެ.