ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ދުނިޔޭގެ އެއްވަނަ، ނޮވަކް ޖޮކޮވިޗްއާ ދެކޮޅަށް ދުނިޔޭ ދެވަނަ ޓެނިސް ކުޅުންތެރިޔާ އިނގިރޭސި ވިލާތުގެ އެންޑީ މަރޭ ނުކުންނާނީ، އެ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށެވެ.

ލަންޑަންގެ އޯލް އިންގްލެންޑް ކްލަބްގެ ސެންޓަ ކޯޓްގައި މިއަދު ރާއްޖޭ ގަޑިން ހަވީރު 6:00ގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި ޖޮކޮވިޗްއަތުން މަރޭއަށް މޮޅުވެވިއްޖެ ނަމަ އޭނާއަށް ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި ލިބުމުގެ އިތުރުން 77 އަހަރުވަންދެން، މެންސް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް އިނގިރޭސީން ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުމެއްވެސް އަންނާނެ އެވެ.

މިދިޔަ އަހަރު ވިމްބަލްޑަން ފައިނަލުގައި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަތުން ބަލިވި މަރޭ ބުނީ މިފަހަރު އޭނާ ފައިނަލް މެޗަށް ނުކުންނައިރު ނަފްސާނީ ގޮތުން ވަރަށް ހަމަޖެހިފައި ހުރި ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިފަހަރުގެ ފައިނަލަށް ނުކުންނައިރު ނަފްސާނީ ގޮތުން އަހަރެން މިހިރީ ވަރަށް ހަމަޖެހިފައި،" މަރޭ ބުންޏެވެ. "އަހަރެން ވާނީ ކުރިން ވެސް މި މުބާރާތުގެ ފައިނަލްގައި ކުޅެފައި. އެހެންވީމާ މިފަހަރު ރަނގަޅު ކާމިޔާބެއް ލިބޭނޭ ކަމަށް އުންމީދު ކުރަން."

މަރޭ ފައިނަލުން ޖާގަ ހޯދީ، ސެމީ ފައިނަލްގައި ޕޮލެންޑުގެ ޖާޒީ ޖެނޮވިޗް އަތުން 6-7 (2-7) 6-4 6-4 6-3ން މެޗު ކާމިޔާބުކޮށްގެންނެވެ.

ޖޮކޮވިޗް ފައިނަލުން ޖާގަ ހޯދީ، އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯއާ ވާދަކޮށް ހަތަރު ގަޑިއިރާ 45 މިނިޓަށް ދިގުދެމިގެންދިޔަ ސެމީގައި 7-5 4-6 7-6 (7-2) 6-7 (6-8) 6-3 ން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއީ ވިމްބަލްޑަންގެ ތާރީހުގައި ކުޅުނު އެންމެ ދިގު ސެމީފައިނަލް މެޗެވެ.

މަރޭބުނީ މިއަދުގެ ފައިނަލަށް ނުކުންނައިރު އޭނާ ހުރީ ވަރަށް ބޮޑަށް ހަމަޖެހިގެން ކަމަށާއި އަދި، އަދި މިދިޔަ އަހަރުގެ ފައިނަލްގައި ކުޅެފައިވުމާއި، ގްރޭންޑް ސްލޭމްސް ޓައިޓްލްއެއް ކާމިޔާބު ކުރެވިފައި އޮތުމުން މިފަހަރު އޭނާއަށް އުންމީދު ވަރަށް ބޮޑު ކަމަށެވެ.

ފައިނަލް މެޗް ކުޅޭ ސެންޓަ ކޯޓަށް ވަނުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 15،000 ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާއިރު އޯލް އިންގްލެންޑް ކްބަލްގެ ގޯތި ތެރޭގައި ބަހައްޓާފައިވާ ބޮޑު އިސްކްރީނުން ފައިނަލް މެޗު ކުޅެމުން ގެންދާ މަންޒަރު ބެލުމަށް މިހާރު ވެސް ގިނަ ބަޔަކު އެތަނުގެ ގޭޓް ކުރިމަތީގައި ކިޔު ހަދައިގެން އެބަ ތިއްބެވެ.