ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ، މެމްބަރު އަބްދުﷲ އަބްދުއްރަހީމް ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އަބްދުއްރަހީމް މިއަދު ސަން އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަން ކަން އެ ޕާޓީގެ އޮފީހަށާއި އިލެކްޝަންސް ކޮމިޝަނަށް މިއަދު އަންގަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީން ވަކިވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ސިޔާސީ ގޮތުން މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ގޮތުން ގާސިމް މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން. އިންސާނުންނާ ދިމާ އަށް ކިޔަންނުވާވަރުގެ ވާހަކަތަކެއް ގާސިމް ރައީސް ނަޝީދޭ ކިޔައިންގެން މިހާރަކަށް އައިސް ދައްކަވަމުން ގެންދަ ވަނީ. 'ފުރޭތައެއްގެ ވިސްނުމޭ ނަޝީދުގެ ހުންނަނީ'. މިއީ އަޅުގަނޑަނޑަށް ބަލައިގެނެވޭނެ ވާހަކަތަކެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ލީޑަރުންގެ ތެރެއިން މުހައްމަދު ނަޝީދުގެ ސަރުކާރު ފޭލިވި ސަބަބުތަކާ ބެހޭ ގޮތުން އެންމެ ފާޅުކަން ބޮޑުކޮށް، ކެރިވަޑައިގެން ވާހަކަ ދައްކަވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ވ. ކެޔޮދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީން އާ މެނިފެސްޓޯއެއްގެ ވާހަކަ ދައްކާ އިރު، ކުރިން ވެރިކަމަށް އައިސް "މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް ކޮށްފައެއް ނެތް" ކަމަށާއި "މުޅިން މެނިފެންސްޓޯއާ އިދިކޮޅަށް ކަންތައް ކޮށްފައި"ވާ ކަމަށެވެ.

ރައީސް ނަޝީދާ ބެހޭ ގޮތުން ސިޔާސީ މައިދާނުގައި ގާސިމް ދައްކަވާ ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން އަބްދުއްރަހީމް ޖޭޕީން ވަކިވެވަޑައިގެންނެވި އިރު އޭނާ އެމްޑީޕީން ވަކިވަޑައިގެންނެވީ އެމްޑީޕީގެ އިސް ފަރާތްތަކުގެ ފިކުރާއި އޭނާގެ ފިކުރާއި ދިމާނުވާތީ ކަމަށް ވިދާޅުވެ އެވެ. އަދި ސިޔާސީ މަސްރަހުން ފެންނަން ހުރިކަންތަކުން ރާއްޖޭގެ ރައްޔިތުން އެމްޑީޕީ އަށް މާބޮޑު ތާއީދެއް ނުކުރާނެ ކަމަށް "ހިތާއި ރޫހުން އެމްޑީޕީ އަށް ގުޅިވަޑައިގެން" އަބްދުއްރަހީމް އޭރު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގޮނޑި އަށް ޑީއާރުޕީގެ ޓިކެޓްގައި ހޮވިވަޑައިގަން އަބްދުއްރަހީމް އެމްޑީޕީން ވަކިވަޑައިގެން ދެވަނަ ފަހަރަށް ޑީއާރުޕީއާ ގުޅިވަޑައިގެންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައި ވަނީ މީގެ އެއް އަހަރު ކުރިންނެވެ.