07 Jul 2013, 15:20
މި މަހު ބާއްވަން ހަމަޖައްސާފައިވާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްގައި އިންތިހާބު ކުރާ، އެ ޕާޓީގެ ލީޑަރު ކަމަށާއި ހަތަރު ނައިބު ލީޑަރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން އިއްޔެ ބުނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންގްރެސް ބާއްވަން ނިންމާފައި ވަނި މިމަހުގެ 16 އިން 17 އަށް މާލެގަ އެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް އިން މަގާމުތަކަށް އިންތިހާބުކުރާ އިރު އެ ކޮންފަރެންސްގައި ބައިވެރިވާނީ އެެ ޕާޓީގެ ގޮފިތަކުން މަންދޫބުންނާއި އެ ޕާޓީގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި މީހުނެވެ.
ޖުމްހޫރީ ޕާޓީގެ ހުރިހާ ކަމެއްގެ އެންމެ އިސް ލީޑަރަކީ، އަސާސީ ގަވާދުގައިވާ ގޮތުން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނެފައިވާ ގޮތުން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނިކުންނަވާނީ އެ ޕާޓީގެ ލީޑަރުކަމުގެ މަގާމުގައި ހުންނަވާ މީހެކެވެ.