07 Jul 2013, 14:59
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިލޭ އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލާގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ހުކުރު ދުވަހުގެ ރެ އެވެ.
ނަމަވެސް ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދެއްވުމަށް އިންކާރުކޮށްފަ އެވެ. އަދި ފުލުހުން ބުނީ "ބަލާލާފައި ޖަވާބެއްދޭނެ" ކަމަށެވެ.
ފަނޑިޔާރު ފުލުސް އޮފީހަށް ހާޒިރު ކުރި އިރު، އޭނާ ހިލޭ އަންހެނުންނާ އެކު ޖިންސީގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރިމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަސް މެންބަރުންގެ ޚާއްސަ ކޮމެޓީއެއް އުފައްދައިފަ އެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަންގެ ނާއިބުރައީސް އަބްދުﷲ ދީދީއާއި ކޮމިޝަންގެ މެމްބަރު ލަތީފާ ޤާސިމާއި ކޮމިޝަންގެ މެންބަރު އަހްމަދު ރަޝީދުގެ އިތުރުން ކޮމިޝަނުން ބޭރު ދެ ބޭފުޅުންގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖާއި ގާނޫނީ ވަކީލު މުހައްމަދު އަނިލް ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ އެ ކޮމެޓީ އެކުލަވާލާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކަމާ ބެހޭގޮތުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.