07 Jul 2013, 14:02
ކ. އާރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅުގައި ސަފާރީތަކަށް ހާއްސަކޮށްގެން މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުވާލުމުން ހަތަރު ފަރާތަކުން ހުށަހަޅައިފި އެވެ.
އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ސަރުކާރާ ގުޅިގެން މާލެ ކައިރީ އޮންނަ ދިޔަނެރު ފަޅު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ދިވެހި ހަތަރު ކުންފުންޏަކުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހުށަހެޅުންތައް ބެލުމަށް ފަހު ޕްރޮޕޯސަލް ހުށަހަޅަން ދައުވަތު ދެވޭނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.
"މިހާރު ހުޅުވާލީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މާލީ ގާބިލުކަމާއި ތަޖުރިބާ ހުރި މިންވަރު ބަލަން. އެ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބެލުމަށް ފަހު ޝަރުތު ހަމަވާ ނަމަ ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދެވޭނެ. ނުވަތަ އަލުން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނަން،" އޭނާ ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ދިޔަނެރު ފަޅު މެރީނާއެއްގެ ގޮތުގައި ތަރައްގީކުރާ އިރު އެތަނުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް ފަހަރު މަރާމާތުކޮށް ސްޕެއާ ލިބޭނެ އިންތިޒާމް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެތަނާއި މާލެއާ ދެމެދު ފެރީ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެތަން ތަރައްގީކުރަން ނިންމުމުން ލިވަބޯޑު އެސޯސިއޭޝަނުން ވަނީ އެތަނުގައި ސަފާރީތަކަށް ހިލޭ ބަނދަރުކުރެވެން ޖެހޭނެ ކަމަށް ހުށަހަޅާފައިވޭ. އެކަމަކު ހަމައެކަނި އެތަނުގައި ބަނދަރެއް ހަދާކަށް ބަޔަކު އަންނާނެ ކަމަށް ނުބެލެވޭ. އެތަން ތަރައްގީކުރާ ބަޔަކަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ދިނުމަށް އަޅުގަނޑުމެން ދޭން ޖެހޭ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިޔަނެރު ފަޅު ތަރައްގީކުރާއިރު އެތަނުގައި ޓޫރިޒަމާ ގުޅޭ އިންވެސްޓެއްކުރާއިރު ޓޫރިޒަމް މިނިސްޓްރީގެ ލަފާ ހޯދަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު އެ މަޝްރޫއުއަށް އިތުރު ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.
ދިޔަނެރު ފަޅު ތަރައްގީކުރަން ޝައުގުވެރިކަންފާޅުކޮށް ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.