07 Jul 2013, 13:57
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ތިން މީހަކު ދައުވާ އަށް އިންކާރުކޮށްފި އެވެ.
ދައުވާ އަށް އިންކާރުކޮށްފައިވާ މީހުންނަކީ ސިފައިންގެ ރިޑަޔާޑު ކާނަލް، ހ. ހަބަރުގޭ ޝައުކަތު އިބްރާހީމް އާއި ރ.ރަސްމާދޫ ބަހާރުގޭ އަލީ އަޝްރަފްގެ އިތުރުން ށ. ޅައިމަގު ގޯލްޑްސްޓާ މުހައްމަދު މުސްތަފާ އެވެ.
އެ ތިން މީހުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އަށް އިންކާރުކުރުމުން ދައުލަތުން ވަނީ ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ހެކި ހުށަހަޅާ އިރު ކޮންމެ ހެއްކަކީ ވަކިވަކި ބައިތައް ސާބިތުކުރަން ހުށަޅާ ހެއްކެއްކަން އެނގޭނެ ތޮތަށް ހެކި ހުށަހެޅުމަށް ގާޒީ ވަނީ ދައުލަތަށް އަންގާފަ އެވެ.
އެ ތިން މީހުންގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އެސްބީއައިގެ ދެ މުވައްޒަފުން ކަމަށްވާ ހ. މިއުރެކްސް ސުލްތާނާ ހުސައިން އާއި ހއ. ކެލާ ރޯޒްމީޑް އާއިޝަތު ހުސައިންގެ އިތުރުން ބ. ތުޅާދޫ މާފަރިވާގޭ އިބްރާހީމް ޝާހިދު އާއި ށ. ޅައިމަގު ޖަމްސަރީރުގޭ މުހައްމަދު މުސްތައުމިދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މީހުންގެ ތެރެއިން ސުލްތާނާއި އާއިޝަތު ކޯޓަށް ހާޒިރުވެފައި ނުވަނީ ރާއްޖެ އިން ބޭރުގައި އުޅޭތީ ކަމަށެވެ. އަދި ޝާހިދު އާއި މުސްތައުމިދު ހާޒިރުވެފައި ނުވަނީ އެ މީހުންނަށް ޗިޓް ހަވާލުކުރެވިފައި ނުވާތީ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އެވާހަތަކަށް ސުލްތާނާއި އާއިޝަތު ވަނީ ދޮގުކޮށްފަ އެވެ.
ސަން އަށް މައުލޫމާތު ދެމުން ސުލްތާނާއި އާއިޝަތު ބުނީ އެ ދެ މީހުން ރާއްޖެއިން ބޭރަށް ގޮސްފައިނުވާނެ ކަމަށާއި އަބަދުވެސް ދިރިއުޅެނީ މާލޭގައި ކަމަށެވެ.
"އަޅުގަނޑުނެން ދެ މީހުންނޭ ކިޔައިގެން ކްރިމިނަލް ކޯޓުން ދީފައިވާ މައުލޫމާތުތަކަކީ ކަނޑައެޅިގެން ދޮގު މައުލޫމާތު ތަކެެއް. އަޅުގަނޑުމެން ރާއްޖެއިން ބޭރަކަށް ނުދަން. އަޅުގަނޑުމެން އަބަދުވެސް އޮފީހަށް ނުކުންނަން. އެކަމަކު އަޅުގަނޑުމެންނާ ޗިޓް ހަވާލުކުރަން ކްރިމިނަލް ކޯޓުން އޮފީހަށް ވެސް އައިސްފައެއް ނުވޭ. އަދި އަޅުގަނޑުމެން ދެ މީހުންގެ ގެއަށް ވެސް ކޯޓުން ޗިޓު ހަވާލުކުރަން ގޮސްފައެއް ނުވޭ،" އެ ދެ މީހުން ބުންޏެވެ.
އެސްބީގައި ޝީޝާގެ ތިންބެއިން ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ނަގާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝީޝާގެ ތިން ބެއިންގެ ތެރެއިން ހުސައިން ހުޝާމް ކުރިން ވިދާޅުވެފައި ވަނީ ފައިސާތައް ޓްރާންސްފާކޮށްފައި ވަނީ އާއްމު ދެ މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި ސޭވިން އެކައުންޓަކަށް ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު 8.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ އިރު އަނެއް 9.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެ ދެ ފަހަރު ވެސް ފައިސާ ޓްރާންސްފާކޮށްފައި ވަނީ އަހުމަދު ހަސަން މަނިކުގެ ނަން ޖަހައި ހުސައިން ހުޝާމުގެ ވަގު ސޮއިކޮށް، އެސްބީއައި އަށް ފެކްސްއެއް ފޮނުވައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.