އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މީހަކަށް 24 ދަޅުގެ މަސް ކޭހެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބަހަން ފަށައިފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓުގައި މަސައްކަތްކުރާ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 24 ދަޅުގެ މަސް ކޭހެއް ބުރާސްފަތި ދުވަހުން ފެށިގެން ދެމުން އަންނަ ކަމަށެވެ.

"މިދިޔަ އަހަރު ޖީއެމްއާރުން ދިން 12 ދަޅުގެ މަސް. ނަމަވެސް މިފަހަރު އެމްއޭސީއެލް އިން ބޭނުންވީ މުވައްޒަފުންނަށް ދޭ މަސްދަޅު އިތުރުކުރަން،" އޭނާ ވިދާޅުވި އެވެ. "އެގޮތުން ހާއްސަ ޕެކިންއެއްގައި ހުންނަ ކޭހެއް މުވައްޒަފުންނަށް މިދެނީ."

އެ އޮފިޝަލް ވިދާޅުވީ މަސްދަޅުގެ އިތުރުން ކޮންމެ މުވައްޒަފަކަށް މުސާރައިގެ ތިންބައި ކުޅަ އެއްބައި ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި ދީފައިވާ ކަމަށެވެ.

"ގާނޫނުގައިވާ ގޮތަށް ރޯދަ އެލަވަންސް މުވައްޒަފުންނަށްދީފައި ވަނީ. އެގޮތުން އެންމެ މަދުވެގެން 2،000ރ. އަދި 10،000ރ. އެންމެ ގިނަވެގެންދޫކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެމްއޭސީއެލްގައި ގާތްގަނޑަކަށް 1،800 މުވައްޒަފުން މަސައްކަތްކުރެ އެވެ.