07 Jul 2013, 13:14
ހަތަރު މަހަަށް ފަހު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓްރީ މިއަދު އަޕްޑޭޓް ކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މިއަދު ޝާއިއު ކުރި ޕާޓީތަކުގެ މެންބަރުގެ އަދަދުތަކުގެ ތަފްސީލު ވެބްސައިޓުން ނަގައިފި އެވެ.
މި އަހަރުގެ މާޗްމަހަށް ފަހު، މިއަދު އާންމު ކުރި ސިޔާސީ ޕާޓީތަކުގެ މެންބަރުގެ އަދަދުތަކުގެ ތަފްސީލު ވެބްސައިޓުން ނެގި ސަބަބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޕާޓީތަކުގެ ރަޖިސްޓްރީ އަޕްޑޭޓް ކުރެވުނީ އިދާރީ މުވައްޒަފުންނަށް އޮޅިގެން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހަވާލާދެއްވައި ފުއާދު ވިދާޅުވީ ޕާޓީތަކުގެ ރަޖިސްޓްރީ އާންމު ކުރަން ޖެހޭނީ "ހަ މަހުން،" އެއް ފަހު ކަމަށެވެ. އެއީ އަހަރަކު ދެ ފަހަރެވެ.
ޕާޓީތަކުގެ ރަޖިސްޓްރީ ކުރިން އަޕްޑޭޓް ކުރަމުންދިޔައީ ހަފްތާއަކު އެއް ފަހަރެވެ.
ފުއާދު ވިދާޅުވި ޕާޓީތަކުގެ ރަޖިސްޓްރީ އާންމު ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ "ފްރިކުއެންސީއެއް" އެ ކޮމިޝަންގެ މެންބަރުން އަދި ނުނިންމާ ކަމަށެވެ. އަދި ޕާޓީތަކުގެ ރަޖިސްޓްރީގައި ހައްލުކުރަން ޖެހޭ މައްސަލަތަކެއް ކުރި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"ޕާޓީތަކުގެ ރަޖިސްޓްރީ އާންމު ކުރަންޖެހޭ ފްރިކުއެންސީއެއް [އިލެކްޝަންސް ކޮމިޝަން] މެންބަރުންނެއް ނުނިންމަވާ. މިއަދު އާންމު ކުރި ތަފްސީލުތަކުގައި ވެސް މައްސަލަތަކެއް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މެންބަރުންގެ މެދުގައި މަޝްކުރުމަށް ފަހު ދެން އާންމު ކުރާނީ،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މިއަދު އާންމުކުރުމަށް ފަހު ނެގި، ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި 10،000 މެންބަރުން ހަމަ ކުރުމަށް މެންބާޝިޕް ފޯމް ހުށަހެޅި އެއްވެސް ޕާޓީއަކަށް އެ އަދަދަށް މެންބަރުން ހަމައެއްނުވެ އެވެ. އެ ޕާޓީތަކުގެ މެންބަރުންގެ އަދަދު ހުރީ ކުރިން ހުރި ވަރަށް ވުރެ ވެސް މަދުވެފަ އެވެ.
ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ ފިޔަވައި، އެހެން ހުރިހާ ޕާޓީތަކުގެ މެންބަރުންގެ އަދަދު މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އަޕްކުރި ރަޖިސްޓްރީން ދައްކަ އެވެ. އެގޮތުން ޑީއާރްޕީން 672 މެންބަރުން މަދުވެ، އެމްޑީޕީން 253 މެންބަރުން މަދުވެފައިވެ އެވެ. އަދި އަދާލަތުން 103 މެންބަރުން މަދުވެފައިވެ އެވެ. ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީން 45 މެންބަރުން މަދުވެފައިވެ އެވެ.
ނަމަވެސް ޕީޕީއެމަަށް 1502 މެންބަރުން އިތުރުވެ، އެ ޕާޓީގެ މެންބަރުންގެ އަދަދު 24162 އަރާފައިވެ އެވެ. މިދިޔަ މާޗްމަހުގައި އެ ޕާޓީގައި ތިބީ 22660 މެންބަރުނެވެ.
ޖުމްހޫރީ ޕާޓީއަށް 438 މެންބަރުން އިތުރުވެ، އެ ޕާތީގެ މެންބަރުންގެ އަދަދު 12267 އަރާފައިވެ އެވެ. އެ ޕާޓީގައި ކުރިން ތިބީ 11829 މެންބަރުންނެވެ. އެ ޕާޓީ އަށް ވަނުމަށް އެދި 2858 މެންބަރުންގެ ފޯމް އިލެކްޝަނަށް ލިބިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މިއަދު އަޕްޑޭޓް ކުރި ތަފްސީލުތަކުން އިނގެ އެވެ.