07 Jul 2013, 12:10
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން އަނެއްކާވެސް ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުން ކުރުމުގެ ދެ މައްސަލައެއް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ހަ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގެ އިތުރުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި ހުކުމް ކޮށްފަ އެވެ. އެހެންކަމުން ޖުމްލަ 10 އަހަރުގެ ޖަލު ހުކުމެއް ހުމާމް ތަންފީޒު ކުރަންޖެހޭނެ އެވެ.
މިއަދު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އެހައިކަންހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުމާމް ހުއްޓާ އޭނާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ. އަދި އެވަގުތު ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އަށް ޝަރީއަތުގެ މަޖިލީހުގައި ހުމާމް އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ވެސް ހުމާމްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނިމިފައެއް ނުވެ އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް ފުރަތަމަ ހުމާމް ކުރީ އިންކާރެވެ. ނަމަވެސް އޭގެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ހުމާމް ވަނީ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެފައެވެ.
ކުރިން ދައުވާ އަށް އިންކާރު ކުރުމަށް ފަހު ފަހުން ދައުވާ އަށް އިއުތިރާފުވީ ކީއްވެތޯ އެދުވަހު ގާޒީ އެއްސެވުމުން ހުމާމް ބުނީ އެއީ އެކަމުގެ ސަބަބުން އާއިލާ އަށް އުނދަގުލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ ހުމާމްގެ ގައިންނާއި ޖީންސުން އަފްރާޝީމްގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމަށް ހުމާމް އިއުތިރާފުވުމުން ކަންހިނގައިދިޔަ ގޮތުގެ ތަފްސީލް ޝަރީއަތަށް ކިޔައިދިނުމަށް ގާޒީ އެންގުމުން ހުމާމް ބުނީ ބަޔާނުގައި އެކަންތައް ކިޔައިދީފައި ވާނެ ކަމަށެވެ. އަދި އެ ބަޔާން ޝަރީއަތަށް އިއްވައިދިނުމަށް ހުމާމް އެދުމުން ދައުލަތުގެ ވަކީލު ވަނީ ޝަރީއަތުގެ މަޖިލީހަށް ބަޔާން އިއްވާފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލައިފި ނަމަ ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) އޭނާގާތު ބުނި ކަމަށެވެ. އަދި އެކަމަކީ ރީކޯ މޫސަ ރޭވި ކަމެއް ކަމަށާއި އެކަމަށް ޚަރަދުކުރަނީ ވެސް ރީކޯ މޫސަ ކަމަށް ޖާ އޭނާގާތު ބުނެފައިވާ ކަމަށް ވެސް ހުމާމް ވަނީ އެ ބަޔާނުގައި ބުނެފަ އެވެ.
"... އަދި ޖާ އެތަނުގައި އިނދެފައި'މިކަންތައް ރޭވިފައި އިންކަން އެނގޭ ނޫންހޭ. އަޒުލިފް ރައޫފް މެން ފަރާތުން ޚަބަރު އައިސްފަ ނޫންހޯ އޮތީދޯ. އެހެންވެ މިކަންތައްތައް ކުރިއަށްދާ ގޮތް އެނގޭހޭ ކިހާވަރެއްކަމެއް ލިބެނީ. ހުވާކޮށްފައޭ މި ބުނަނީ ހަތަރު މިލިއަން ރުފިޔާ ދޭނަމޭ ކަލޭ މިކަން ކޮށްފިއްޔާ' މިހެން އަޅުގަނޑު ގާތުގައި ޖާ ބުންޏެވެ. އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެކޭ. ރުފިޔާގަނޑު ލިބޭނީ ރީކޯ މޫސާ މަނިކުގެ ފަރާތުން ކަމަށާއި މިކަމަށް އިންވެސްޓްކުރަނީ ރީކޯ މޫސާ މަނިކު ކަމަށް ޖާ ބުންޏެވެ." ހުމާމު އިނގިލީގެ ނިޝާން ދީފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ދައުލަތުގެ ވަކީލު ޝަރީއަތުގެ މަޖިލީހަށް ބަޔާން އިއްވިއިރު އެވާހަކަ ކިޔާފައެއް ނުވެ އެވެ.
ހުމާމްގެ ބަޔާނުގައި ބުނެފައި ވަނީ ޑރ.އަފްރާޝީމް މަރާލުމުގެ 24 ގަޑިއިރު ކުރިން އަލިމަސް ކާނިވަލުގައި ހުންނަ ޑޮލްފިން ކެފޭ ތެރޭގައި އިނދެގެން ރެޑް ބުލް އާއި މިކްސްކޮށްގެން ހަތަރު ފުޅި ބަނގުރާ ބުއި ކަމަށެވެ. އޭގެ އިތުރުން "ތެޔޮބިޑި" ވެސް ބޮއިފައިވާނެ ކަމަށް އޭނާ ބުންޏެވެ.
އަފްރާޝީމަށް ހަމަލާދިނުމުން އޭނާ ސިޑިކައިރި އަށް ވެއްޓިފައި އޮތް އިރު މަރުވި ކަމެއް ނޭނގޭ ކަމަށާއި ދެން އެއަށް ފަހު ހ. އަޑިޕާކްކައިރީ ހުންނަ ޕެޓް ޕާކަށް ގޮސް އެއްޗިހި ބަދަލު ކުރުމަށް ދިޔުމަށް ހ. ހިކޯސްޓް އަލީ ޝާން ބުނުމުން އޭނައާ އެކު އެތަނަށް ގޮސް އެއްޗިހި ބަދަލު ކުރި ކަމަށް ވެސް އެ ބަޔާނުގައި ހުމާމް ބުނެފައި ވެއެވެ.
ޓީވީއެމްގެ ޕްރޮގްރާމް ނިންމާލުމަށް ފަހު އަފްރާޝީމް ކާރުކޮޅުގައި ދަތުރު ކުރި މަގުތައް ފޯނުން ގުޅައި ވަގުތުން ވަގުތަށް އަޒުލިފް އަލީ ޝާން އަށް ކިޔައިދެމުން ގެންދިޔަ ކަމަށް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ދިން ބަޔާނުގައި ހުމާމް ވަނީ ބުނެފަ އެވެ. އަދި އަފްރާޝީމް މަރާލުމުގެ ކުރީގެ ދުވަހެއްގައި އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ދާނެ މަގު ވެސް އަޒުލިފް ކިޔައިދީފައިވާ ކަމަށް އޭނާ ވަނީ ބަޔާނުގައި ކިޔައިދީފަ އެވެ.
އަފްރާޝީމް މަރާލުމަށް އެގޭ ކައިރިއަށް ދިޔައީ އަލީ ޝާން އާ އެއްކޮށް ހެންވޭރުގައި ހުންނަ ފެމެލީ ކޯޓު ކައިރިން ބުރުޒުމަގުން ލާފައި އަމީނީމަގަށް ނުކުންނަން އޮންނަ ގޯޅިއަކުން ކަމަށް ވެސް ހުމާމް ވަނީ ބަޔާނުގައި ބުނެފަ އެވެ.
އަފްރާޝީމް މަރާލުމުގެ ކުރިން އަލީ ޝާން އާއި އޭނައާ ދެ މީހުން ބުރުޒު މަގުން ގޮސް އަމީނީމަގުން އަފްރާޝީމް ދިރިއުޅުއްވާ ގެ ސަރަހައްދު ބަލައި ޗެކްކޮށް ހެދި ކަމަށް ވެސް ހުމާމް ވަނީ ބަޔާނުގައި ބުނެފަ އެވެ.
އަފްރާޝީމް މަރާލާ ވާހަކަ ބުނުމަށް ފަހު މަސްތުވާތަކެތީގެ ބްލެޓެއް އޭނާ އަށް ދީފައި އެތަކެތި ވިއްކުމަށް ނ. ވެލިދޫ އަށް ދިޔުމަށް އަޒުލިފް އޭނާ ގާތު ބުނެގެން، ބައިބަލާ ކުޅެގެން ލިބުނު 2000ރ. ޚަރަދުކޮށްގެން އެރަށަށް ދިޔަ ކަމަށް ވެސް ހުމާމް ބުންޏެވެ. ނަމަވެސް އެރަށް ގޮސް މަސްތުވާތަކެތި ވިއްކޭނެ ގޮތެއް ނުވި ކަމަށް ވެސް ހުމާމް ވަނީ ބަޔާނުގައި ބުނެފަ އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމަށް އިއުތިރާފުވުމަށް ފަހު އޭގެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި އެދުވަހު ހުމާމް ވަކީލަކު ބޭނުންވާކަމަށް ބުނެފައިވާތީ ކޯޓުން ވަނީ އެ ފުރުސަތު އޭނާ އަށް ދީފަ އެވެ.
އޭގެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މީހަކު ވަނީ ހުމާމްއާ ދެކޮޅަށް ހެކިބަސް ދީފަ އެވެ.