ކެއްކުގެމާ ގުޅޭ މައުލޫމާތު ދިނުމަށާއި އަދި އެކި ކަހަލަ ކާނާ ތައްޔާރުކުރާ ގޮތް ދަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކޯލިޝަނުން އިސްނަގައިގެން ހުޅުމާލެގައި ކެއްކުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

އިއްޔެ ހެނދުނުން ފެށިގެން ރޭ އިރުއޮއްސުމާ ހަމައަށް ހުޅުމާލެ ލާލެ ސްކޫލުގައި ކުރިއަށް ދިޔަ އެ ޕްރޮގުރާމުގައި ކާބޯތަކެތި ތައްޔާރުކުރުމަށް މައުލޫމާތުދީ، ކާނާ ތައްޔާރުކުރާ ގޮތް ދަސްކޮށްދީފައި ވަނީ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އެވެ.

ކެއްކުމުގެ ޕްރޮގްރާމުގައި ތައްޔާރުކުރި ބާވާތްތަކާ އެކު "މާ ކެއުމުގެ ނަމުގައި" ކެއުމެއް ވެސް ވަނީ ރޭ ލާލެ ސްކޫލުގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ފްރޮގުރާމް ނިންމާލުމަށް ބޭއްވި ކެއުމުގެ ރަސްމިޔާތުގައި ވެސް ޖުވޭރިއާ ވަނީ ފައިދާ ހުރި ކާނާ ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.

ކެއްކުމުގެ ޕްރޮގުރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިޔާތުގައި އެ ޕްރޮގްރާމުގައި އިސްކޮށް އުޅުއްވި ހުޅުހެންވޭރު ދާއިރާ އަށް ޑީއާރުޕީން ކަނށޑައަޅާފައި ހުންނަވާ މެންބަރު އަހްމަދު ނިޒާމް (ކެލާ ނިޒާމް) ވިދާޅުވީ ހުޅުމާލެ އަށް އަމާޒުކޮށްގެން އެހެނިހެން ބައެއް ހަރާކަތްތައް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.