07 Jul 2013, 11:13
ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑޫން މިފަހަރުގެ ރޯދަޔަށް ހާއްސަކޮށްގެން މާލެ އަށް ކަރާ ގެންނަން ފަށައިފި އެވެ.
ތޮއްޑޫ ކައުންސިލްގެ ނައިބް ރައީސް މައުރޫފް އާދަމް މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށުން ގިނަ އަދަދެއްގެ ކަރާ ރޯދަމަހާ ދިމާކޮށް މިހާރު މާލެ ފޮނުވަމުން އަންނަ ކަމަށާއި އެގޮތުން އިއްޔެ 7000 ކިލޯގެ އަދި މިއަދު 5000 ކިލޯގެ ކަރާ މާލެ ފޮނުވާފައިވާ ކަމަށެވެ. އަދި މާދަމާ ވެސް ގިނަ އަދަދެއްގެ ކަރާ މާލެ ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ އެ ރަށުގައި ކަރާ ކިލޯއެއް ވިއްކަމުން ދަނީ 14ރ. އާއި 16ރ. އާ ދޭތެރޭ އަގުތަކެއްގައި ކަމަށެވެ. މާލޭ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 20ރ. އާއި 25ރ. އާ ދޭތެރޭ އަގުތަކެއް ގައެވެ.
މިއަހަރު ތޮއްޑޫން 1.8 މިލިއަން އަކަފޫޓުގެ ބިން ކަރާ ހެއްދުމަށް ދޫކޮށްފައިވާ އިރު ވަރަށް ފޯރިއާ އެކު އެ ރަށުގައި ކަރާ ހައްދަމުންދާ ކަމަށް އެރަށު ކައުންސިލް އިދާރާއިން ބުންޏެވެ. އަދި ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އެ ރަށުން ގާތްގަނޑަކަށް 5000 ކަރާ ނުވަތަ ތިން ޓަނުގެ ކަރާ ބޭރުކުރާ ކަމަށާއި މި އަހަރު ވެސް އެހާވަރަށް މާލެ އަށް ކަރާ ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރަށު ކައުންސިލް އިދާރާއިން ބުންޏެވެ.