ބްރެޒިލް އަދި ކޮރިންތިއާންސްގެ ސްޓާ މިޑްފީލްޑަރު ޕައުލީނިއޯ އިނގިރޭސިވިލާތުގެ ޓޮޓެންހަމްއާ ގުޅިއްޖެ އެވެ.

މިފަހަރުގެ ކޮންފެޑެރޭޝަންސް ކަޕް ބްރެޒިލްއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި، 24 އަހަރު ހުނަރުވެރި ތަރި، ޓޮޓެންހަމްއާ ގުޅިފައިވަނީ، 17 މިލިއަން ޕައުންޑަށްވުރެ ދަށް ފީ އަކަށެވެ. އަދި އޭނާވަނީ ބުރާސްފަތި ދުވަހު ލަންޑަނަށް އައިސް މެޑިކަލްގެ ކަންތައް ނިންމައި، ޓޮޓެންހަމްގެ ޗެއާމަން ޑެނީލް ލެވީއާއި ކޯޗު އަންދުރޭ ވިއަސް ބޮއަސްއާ ބައްދަލު ކޮށްފަ އެވެ.

"ޓޮޓެންހަމްއާ ގުޅުމުން އަހަރެން މިހިރީ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާވެފައި. މިފަދަ ބޮޑު ކްލަބަކަށް ކުޅެން ލިބުން އެއީ، ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ޕައުލީނިއޯ ބުންޏެވެ.

ލިތުއޭނިޔާގެ އެފްސީ ވިލްނިއަސް އަދި ޕޮލެންޑުގެ އެލްކޭއެސް ލޯޒްއަށް ކުރިން ކުޅުނު ޕައުލީނިއޯ ހޯދުމަށްޓަކައި، ރެއާލް މެޑްރިޑް ފަދަ ޔޫރަޕްގެ އެހެނިހެން ބޮޑެތި ކްލަބް ތަކުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 17 މެޗް ކުޅެދީފައިވާ ޕައުލީނިއޯ ވަނީ އެ ޓީމަށް މިހާތަނަށް ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރޭގައި ކޮންފެޑެރޭޝަންސް ކަޕްގައި ޖަޕާނުއަތުން 3-0ން ބްރެޒލް މޮޅުވިމެޗާއި، އުރުގުއޭ އަތުން 2-1ން މޮޅުވި މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުތައް ހިމެނެއެވެ.

މިމަހުގެ ކުރީ ކޮޅުގައި ކޮރިންތިއާންސްއާ ވަކިވުމަށް ނިންމިކަން އިއުލާންކުރަމުން ޕައުލީނިއޯ ބުނެފައިވަނީ "ކޮރިންތިއާންސްއަށް އަހަރެން ބުނެލަން އޮތީ، އަވަސް މުސްތަގުބަލެއްގައި އަދި ފެންނާނޭ ކަމަށް އުންމީދު ކުރަން،" ޕައުލީނިއޯ ބުންޏެވެ. "ވަރަށް އަވަހަށް އަހަރެން އެނބުރި އަންނާނަން، ތިޔަޓީމުން އަހަރެންނަށް ކޮށްދީފައިވާ ކަންތައްތަކާއި، ހުރިހާ އެހީތެރިކަމެއްގެ އަގު އަދާކުރަން"

ކޮރިންތިއާންސްގައި ޕައުލީނިއޯ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް 167 މެޗު ކުޅެފައިވާއިރު 34 ލަނޑު އެ ކްލަބަށް އޭނާ ޖަހައިދީފައިވެ އެވެ.