ރެއާލް މެޑްރިޑް އަދި ސްޕެއިން ގައުމީ ޓީމްގެ ކެޕްޓަން އިކާ ކަސިޔަސް އަށް ފުރަތަމަ ފަހަރަށް ދަރިއެއް ލިބެން އުޅޭކަން އޭނާ ކަށަވަރު ކޮށްދީފި އެވެ.

ކޮންފެޑަރޭޝަންސް ކަޕް ފައިނަލަށްފަހު ބްރެޒިލް އިން ސްޕެއިން އަށް ދިއުމުގެ ކުރިން ކަސިޔަސްގެ ލޯބިވެރިވެރިޔާ ސާރާ ކާބޮނޭރޯ ބަލިވެ އިންކަން އިއްޔެ ވަނީ އިޢުލާން ކޮށްފަ އެވެ. ކަސިޔަސްގެ ލޯބިވެރިޔާ ސާރާ އަކީ ޖަރުމަންއަށް ނިސްބަތްވާ ޓެލެ 5 ޗެނެލްގެ ނޫސްވެރިއެކެވެ. "އަހަރެމެން މިތިބީ ވަރަށް އުފަލުން." މެޑްރިޑްގެ ބަރަޖާސް އެއާޕޯޓްގައި ހުރެ ކަސިޔަސް ބުންޏެވެ.

މިދިޔަ ސީޒަނުގައި މެޑްރިޑްގެ ޓީމުން އާދައިގެ މަތިން ކަސިޔަސް އަށް ޖާގަ ނުލިބުނު ކަމުގައި ވިޔަސް ކޮންފަޑެރޭޝަންސް ކަޕްގެ ފައިނަލްގައި ސްޕެއިންގެ ކެޕްޓަން ބޭންޑް އަޅައިގެން އެޓީމްގެ ގޯލް ބެލެހެއްޓީ ކަސިޔަސް އެވެ. ނަމަވެސް ކޮންފެޑަރޭޝަންސް ކަޕް ފައިނަލްގައި ބްރެޒިލް އަތުން ސްޕެއިން ވަނީ 3-0 ލަނޑުން ބަލިވެފަ އެވެ. ބްރެޒިލްގައި ކަސިޔަސްގެ ލޯބިވެރިޔާ ހުރީ ނޫސްވެރިއެއްގެ ހައިސިއްޔަތުން މުބާރާތް ކަވަރުކުރާށެވެ.

ކަސިޔަސްއާއި ސާރާ، ލޯބީގެ ގޮތުން ގުޅުނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ސާރާގެ ބަނޑަށް މިހާރު ތޭރަ ހަފްތާ ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.