07 Jul 2013, 10:01
މިއަހަރުގެ މިސްޓަ މޯލްޑިވްސްގެ މާގާމް ކާމިޔާބުކޮށް އެ މަގާމް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކަސްޓަމްސްގެ އާދިލް މުހައްމަދު ހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
އާދިލް މީގެ ކުރިން މިސްޓަ މޯލްޑިސްގެ މަގާމް ހޯދާފައި ވަނީ 2011 އަދި 2012 ވަނަ އަހަރު އެވެ.
މިއަހަރުގެ މިސްޓަ މޯލްޑިސްގެ މަގާމް ހޮވުމަށް ރޭ އޮލިމްޕަހުގައި ބޭއްވި މުބާރާތުގައި ވާދަކޮށް އާދިލް ތިން ވަނަ ފަހަރަށް މިމަގާމް ހޯދީ މުބާރާތުގައި ވާދަކުރި ފަސް ކެޓަގަރީން އެއް ވަނައަށް އައި ބިލްޑަރުންނާ ވާދަކޮށެވެ.
ޖުމްލަ 15 ބިލްޑަރުން ވާދަކުރި މުބާރާތް ބަހާލައިފައިވާ ފަސް ކެޓަގަރީ އަކީ 55، 60،65، 70 އަދި 70 މަތީގެ ކެޓަގަރީ އެވެ.
މުނިފޫހި ފިލުމުގެ ހަރަކާތް ތަކާއެކު ކުރިއަށްގެންދިޔަ މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން އެއްވަނަ ހޯދީ ޕޮލިސް ކުލަބުގެ މުހއްމަދު މޫސާ އެވެ. މުބާރާތުގެ 60 ކިލޯގެ ކެޓަގަރީން އެއް ވަނަ ހޯދީ އެމްއެންޑީއެފްގެ މުހައްމަދު އިބުރާހިމްއެވެ. އަދި 65 ކިލޯގެ ކެޓަގަރީން އެއް ވަނަ ހޯދީ ކަސްޓަމްސްގެ އާދިލް މުހައްމަދެވެ. މުބާރާތުގެ 70 ކިލޯގެ ކެޓަގަރީން އެއްވަނަ ހޯދީ އަލިމަނިކުއެވެ. އަދި 70 މަތީގެ ކެޓަގަރީން އެއްވަނަ ހޯދީ ގިޔާސް އިބްރާހިމް އެވެ.
މިއަހަރުގެ މިސްޓަމޯލްޑިވްގެ މަގާމަށް ހޮވުނު އާދިލް މުހައްމަދަށް ތައްޓާއި 15،000 ރުފިޔާގެ ފައިސާގެ އިނާމް ދެއްވީ އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާޑް މުހައްދު ޒާހިރެވެ.