ޤާހިރާ (ޖުލައި 7): މިސްރުގެ ވަގުތީ ރައީސް ކަމަށް ސިފައިން ޢައްޔަންކޮށްފައިވާދަސްތޫރީ ކޯޓުގެ ފަނޑިޔާރު ޢަދްލީ މަންސޫރުގެ ބެއްލެވުމުގެ ދަށުން މިސްރުގައި އެކުލަވާލެވޭއިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރަކަށް ޑރ. މުހައްމަދުލްބަރާދްޢީ ޢައްޔަން ކުރުމަށް ނިންމަވައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މިސްރުގެ ރިޔާސީ ތަރްޖަމާން އަޙްމަދުލްމުސަލްމާނީ ވިދާޅުވީ ވަގުތީ ރައީސް ޢަދްލީ މަންސޫރު އޭނާގެ ބޮޑުވަޒީރަކަށް އަލްބަރާދްޢީ ޢައްޔަން ކުރުމަށް ނިންމެވީ މިސްރުގެ ސިޔާސީ ފަރާތްތަކާ އަދި ސިފައިންގެ އިސްވެރިޔާއާ ވެސް މަޝްވަރާ ކުރައްވުމަށްފަހުގައި ކަމުގަ އެވެ. ނަމަވެސް އަލްބަރާދްޢީ ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރުމަށް ނުފޫޒުގަދަ ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންގެންދާތީ ރަސްމީކޮށް މިކަން އިޢްލާންކުރުން މަޑުޖައްސާލާފައިވާ ކަމަށް މުސަލްމާނީ ވިދާޅުވި އެވެ.
އުމުރުން 71 އަހަރުގެ އަލްބަރާދްޢީ އަކީ މިސްރުގެ ވަރަށް ކުޑަޕާޓީއެއް ކަމަށްވާ ދަސްތޫރު ޕާޓީގެ ރައީސެވެ. އޭނާއަކީ ރައްޔިތުންގެ މެދުގައި މަޤްބޫލުބޭފުޅެއް ނޫންކަން މިސްރުގައި އެންމެފަހުން ބޭއްވި އިންތިޚާބުތަކުގެ ދުވަސްވަރު ހާމަވެގެން ގޮސްފައިވެ އެވެ. އަލްބަރާދްޢީއަކީ މިސްރުގެ ޚާރިޖިއްޔާގައި މަސައްކަތް ކުރެއްވުމަށް ފަހު އދ.ގެ އެޖެންސީއެއް ކަމަށްވާ އިންޓަނޭޝަނަލް އެޓަމިކް އެނާރިޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިކަން ވެސް ދެދައުރަށް ކުރައްވާފައިވާ ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ.

މީގެއިތުރުން ޑރ. އަލްބަރާދްޢީއަކީ ޢިލްމާނީ ފިކުރުގެ ބޭފުޅަކަށްވެފައި ހުޅަނގުގެ ތާއީދު ވެސް ވަރަށްބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވަނީ ބެލެވިފަ އެވެ. މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެކުލަވާލި ކޯލިޝަންގައި އިސް ލީޑަރެއްގެ ގޮތުން އަލްބަރާދްޢީ ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައިވެ އެވެ. އަލްބަރާދްޢީ ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރުމަށް ދެކޮޅުހަދާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް ޑރ. މުރުސީ މަޤާމުން ދުރުކުރުމަށް ތާއީދުކުރި ސަލަފީ ފިކުރުގެ ޕާޓީކަމަށްވާ ނޫރު ޕާޓީ ހިމެނޭކަމަށް ޚަބަރު ލިބެ އެވެ.

އަނެއްކޮޅުން މިސްރަށް ހަމަޖެހުމާއި ސުލްޙަ ގެނައުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަގުތީ ރައީސް ޢަދްލީ މަންސޫރު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަ ދިނުމަށް ޑރ. މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމީން ޖަމާއަތުންވަނީ ދެކޮޅު ހަދާފަ އެވެ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނީ ޢަދްލީ މަންސޫރަކީ މިސްރުގެ ޝަރުޢީ ރައީސް ނޫންކަމަށާ އޭނާ ގޮވާލައްވާ ގޮވާލެއްވުންތަކަށް އިޖާބަ ނުދޭނެ ކަމުގަ އެވެ. އަދި ޑރ. މުރުސީ އަލުން ވެރިކަމަށް ރުޖޫޢަ ކުރުމުންނޫނީ މިސްރަށް ހަމަޖެހުން ގެނައުމާބެހޭ ގޮތުން އެއްވެސް ބަޔަކާ ވާހަކަ ނުދައްކާނެ ކަމަށް ވެސް އެޖަމާއަތުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދު އިބްރާހީމް ވިދާޅުވި އެވެ. (އަލްޖަޒީރާ)