07 Jul 2013, 09:35
އެމެރިކާގެ ސެން ފްރެންސިސްކޯގެ ވައިގެ ބަނދަރަށް ބޮއިންގް 777 މަތިންދާބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި ދެ މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިހާދިސާގައި އެތައް ބަޔަކު އަނިޔާވެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެނގިފައި ވަނީ ވެއްޓުނު ފުލައިޓަކީ ދެކުނު ކޮރެއާގެ އޭޝިއާނާ އެއާލައިންސްގެ ފުލައިޓް 214 ކަމެވެ.
މިފްލައިޓަކީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއިން ނައްޓާލައިގެން ސެން ފުރެންސިސްކޯއަށް ދަތުރުކުރި ބޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް ޔަގީންކުރެވިފައި ނުވާ ނަމަވެސް، މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ ބޯޓު ޖެއްސުމުގެ ތެރޭގައި މާ ބޮޑަށް ތިރިކޮށްލުމުން ބިންމަތީގައި ޖެހި ބޯޓު ކައްސާލައިގެން ދިޔައީ ކަމަށެވެ.
އޭޝިއާނާ އެއާލައިންސްއިން ބުނީ މިބޯޓުގައި 216 ޕަސިންޖަރުންނާއި 16 ފަޅުވެރިން ތިބި ކަަމަށެވެ.
އޭޝިއާނާއަކީ ދެކުނު ކޮރެއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ.