06 Jul 2013, 23:23
(01 ޖުލައިގެ އަދަދާއި ގުޅޭ)
މިއާ ކުއްލި އަކަށް ގޮސް ފޮޓޯގަނޑު ނަގާފައި ތެދުވެގެން ދިޔައީ ބަދިގެއަށެވެ. ރޮއި ރޮއި ހުރެގެން އުނދުން ރޯކޮށްލައިފައި ފޮޓޯގަނޑު ދިއްކޮށްލުމުން ދާދި ފަސޭހައިން ކަނުގައި ހުޅު ހިފައިފިއެވެ. ފޮޓޯގަނޑު ހުލިވަމުން ގޮސް ކުޑަތަންކޮޅަކަށް ވުމުން ތިރިއަށް ދޫކޮށްލައިފައި ދެން ހޯދީ މޯބައިލެވެ. މިއާ ނަންބަރަކަށް ޑައިލް ކޮށްލާފައި ދެކޮޅަށް ހިނގަންފެށި ގޮތުން އެކަނިވެސް ހިތް އަވަސްވެފައިވާ މިންވަރު ހާމަވެއެވެ. އެކޮޅުން ފޯން ނުނެގުމުން މޯބައިލް ހޫރާލައިފައި މިއާ ތިރިއަށް ވެއްޓިގަނެގެން އިންދާ އިޔަންގެ މޯބައިލް ރިންގް ވާން ފެށިއެވެ. މިއާ ބަލަން އިނދެލައިފައި އަނެއްކާ ތެދުވެގެން ގޮސް މޯބައިލް ހޯދާލައިފައި ސްކްރީނަށް ބަލައިލިއެވެ.
"ޑޮކްޓަރ!" މިއާ ފޯން ނަގާފައި އަވަސް އަވަހަށް ބުނެލިއެވެ. "ކިހިނެއްވީ މިއާ؟ އިޔަން ކިހިނެއްތަ؟" އެކޮޅުން އިޔަންގެ ސައިކޭޓްރިސްޓް އަދި އެކުވެރިޔާ ވާހަކަ ދެއްކިއެވެ. "އެއްވެސް ކަމެއް ރަނގަޅެއް ނޫން ނަވީން. އެއްވެސް ކަމެއް ރަނގަޅެއް ނޫން." މިއާއަށް އެވަގުތުކޮޅުވެސް ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ. "މިއާ ކާމް ޑައުން! ބުނެބަލަ އިޔަންއަށް ކިހިނެއް ވަނީ؟" ނަވީން ނުހަނު މަޑުމައިތިރި ކަމާއެކު މިއާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. "އިޔަންއަށް އެއަންހެންކުއްޖާ ފެނޭ. ވާހަކަވެސް ދެއްކޭ... ކިހިނެއް އެއީ ހަޤީޤަތަކަށް ވާނީ. އިޔާ، އެއީ ކޮން ކުއްޖެއްކަން ވެސް ހަނދާންނެތް. ބަޓް ސްޓިލް އޭނާގެ ނަމާއި ސިފަ ހަނދާން ހުރޭ. އެއީ ކިހިނެއް ވާނެ ކަމެއް؟ އަދި މިހާރު އަބަދު މަސައްކަތް ކުރަނީ ގެއްލުނު ހަނދާންތައް އަނބުރާ ގެންނަން." މިއާ ރޮވިފައިވާ އަޑަކުން ކިޔައިދިނެވެ. "މިއާ އަހަރެން ކުރިންވެސް ބުނީމެއްނު މިކަހަލަ ގޮތެއް ދިމާވެދާނެއޭ. ރަނގަޅު އޭނަ ދިހަ އަހަރު ދުވަސް ހަނދާން ނެތިފައިވާއިރު ޒޯހާ މަތިން ހަނދާނެއް ނުހުންނާނެ. އެކަމަކު އެއީ އިޔަންގެ ސަބްކޮންޝިއަސް މައިންޑް، އިޓް ވޯންޓްސް ޓު ސީ ހަރ. ބީ ވިތް ހަރ. ގެއްލުނު ހަނދާންތައް އަބުރާ އިއާދަ ވާން އުޅޭކަމުގެ ސިގްނަލްއެއް ތީ. މަޑުމަޑުން އެހަނދާންތައް އަލުން ފަށާފާނެ ދެން." ނަވީން ކިޔައިދިނެވެ.
"އަހަރެންނަށް އިނގޭ މީ އަހަރެންގެ އަމިއްލަ އެދުންކަންވެސް. އެކަމަކު އަހަރެން ބޭނުމެއް ނޫން އިޔަން އެދުވަސްތައް ހަނދާނަށް ގެންނާކަށް. ޚުދު އިޔަންއަށްވެސް އެންމެ ރަނގަޅު ވާނީ އެގޮތް. އެމާޒީ އެނގިގެން އިޔަންއަށް ލިބޭނީ އިތުރު ހިތާމަތަކެއް. ފާޅުވުމަށްވުރެ ފޮރުވިފަ އޮތުން ރަނގަޅު ވާނެ އެދުވަސްތައް." މިއާގެ ހިޔާލު ހުރީ އިދިކޮޅަށެވެ. އޭނާއަށް ވެގެންވާ ނަމަ އިޔަން ފަސްއެބުރި ބަލައެއް ނުލާނެއެވެ.
"ކީއްކުރާނީ މިއާ. އިޔަންގެ ހާލަތު އެހުރީ މިވަގުތު އަހަރެމެން ބޭނުން ހާ ގޮތަކަށް ބަދަލު ކުރެވޭވަރަށްވުރެ ނާޒުކް ފައްތަރެއްގައި. ކޮންމެ ގޮތެއްވިއަސް އިޔަންއަށް ޒޯހާގެ ހިޔާލު ކުރެވެންޏާ ބޭނުންވާނެ އެއީ ކާކުކަން އޮޅުންފިލުވަން. އެއީ އަހަރުމެންނަށް ހުއްޓުވޭނެ ކަމެއް ނޫން. އަދި އެކަން ކުރުމަށްޓަކައި އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. މިބުނީ މިސާލަކަށް ވަކި މާހައުލަކުން ހަނދާންތައް އިއާދަ ވުމުގައި ފަސޭހަ ގޮތެއް ހުންނަހެން ހީވަންޏާ އޭނަ އެތަނަކަށްވެސް ދާނެ. މިހާރު އިޔަންގެ ކަންތައްތަކަށް ވިސްނައިލާއިރު އޭނާގެ ހަނދާންތައް ފިލީ ކަނޑުމަތީގައި ހިނގި އެކްސިޑެންޓްގައި. އެހަނދާންތައް އަލުން އިއާދަ ވުމުގެ ސަބަބަކަށްވެސް ހަމަ އެކަނޑު މެދުވެރިވެދާނެ. އެބަ އެނގޭ ދޯ އަހަރެން މިބުނާ އެއްޗެއް. މިހާލަތުގައި މިއާ ޖެހޭނެ އިޔަންއަށް ވަރަށް ބޮޑަށް އަޅައިލާން." ނަވީންގެ ވާހަކަ އެހިސާބަށް ދިޔައިރަށް މިއާ ސިއްސައިގެން ދިޔައެވެ. "އޯ ގޯޑް އިޔަން...." މިއާ ހަނދާންވެގެން ފޯން ތިރިއަށް ދޫކޮށްލައިފައި ގޮސް ދޮރު ހުޅުވައިލީ ވެހޭ ވާރެއަށް ބެލުމެއް ނެތިއެވެ. އޭނާ ހަނދާން ނައްތައިލީ ކިހިނެއް ހެއްޔެވެ؟ އިޔަން ކޯމާއިން އެނބުރި އައިފަހުން މޫދަށް ހުންނަނީ މާވަރެކެވެ. ނަވީންގެ ވާހަކައަށް ވިސްނައިލުމުން އެބައި ގުޅެއެވެ. އިޔަންއަށް މޫދު ހާއްސަ ވަނީ މާޒީ ހަނދާން ކުރަން އެންމެ ފަސޭހަ މާހައުލަށް ވީމައި ކަންނޭނގެއެވެ.
ވަޔާއެކު އައި ރަހުމެއްނެތް ވާރޭ ތިކިތައް މިއާގެ ތުނި ހަށިގަނޑަށް ހަމަލަ ދީ ތެންމައިލާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އެކަމަކު އެހަށިގަނޑަށްވުރެ އޭނާއަށް އެވަގުތު މުހިންމުވީ އެހަށިގަނޑުގެ ދިރުމެވެ. އިޔަންއެވެ. މިއާ ވަށައިގެން ލޯ ހިންގަމުން ދުވެލާފައި ގޮސް އެރީ ފާލަމަށެވެ. މޮޔައެއްހެން އިޔަންއަށް ގޮވަމުން އެ ބޯ ވާރޭގައި ފާލަމުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލާފައި ދިޔައެވެ. ލޮނުގަނޑު ތެރޭގައި އިޔަން އޮތްވާ ފެނުނީ އުއްޑުންނެވެ. މިއާގެ މޭގަނޑު އަނގަޔައަށް އަންނަވަރުވިއެވެ. މިއާ ބަލާކަށް ނުހުރެ ހުރި ދިމާލުން މޫދަށް ފުންމާލައިފައި ފަތައި ގަނެގެން ގޮސް ފުރަތަމަވެސް އިޔަންގެ ވިންދު ޗެކްކޮށްލެވުނެވެ. ފުރާނަ ހުއްޓަސް އެހަށިގަނޑު އޮތީ ގަނޑުފެންކޮޅެއްހެން ފިނިވެފައެވެ. މޫދުގައި ވުމުން މިއާއަށް އިޔަން ގޮވައިގެން ރާޅު ބީއްސާ ވެލިގަނޑާއި ހަމައަށް އާދެވުނެވެ. އެކަމަކު އެއަށްވުރެ އެއްގަމަށް ގެންދެވޭނެ ބާރެއް މިއާގެ ހަށިގަނޑަކު ނެތެވެ.
ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެ ތޫފާނީ ވާރޭގައި ސަކަރާތް ޖަހަމުން އެދިމާއަށް އައި ޒުވާން ޖޯޑަކަށް މިއާމެން ފެނިގެން އެދިމާއަށް އައެވެ. އޭގެ އިރުކޮޅެއް ފަހުން އެމީހުން ތިބީ ހޮސްޕިޓަލަށް ދަތުރު ކުރަމުން ދިޔަ އެމްބިއުލާންސް ގައެވެ. މިއާ ރޯލަ ރޯލާ އިނީ ޚަބަރު ހުސްވެފައިވާ އިޔަންގެ އަތްތިލައިގައި ހިފަހައްޓާ ލައިގެންނެވެ.
ޑޮކްޓަރުންގެ ފަރުވާއަށްފަހު ހޭވަނި ވަމުން ދިޔަ ވަގުތު އިޔަންއަށް އިހްސާސްވީ އޭނާ އެއޮތީ ހޮސްޕިޓަލް ގައި ކަމެވެ. ހަށިގަނޑު ވަރުބަލިވެ ލޮލުގައިވެސް ނިދީގެ އަސަރު ހުރުމުން އޭނާ ލޯ މަރައިލިއެވެ. އެކަމަކު ސިކުނޑި އޭގެ އެންމެ ބާރު މިނުގައި މަސައްކަތް ކުރަން ފެށީ އެހިސާބުންނެވެ.
*******************
"ދަރިފުޅާ!" އިޔަންގެ ނިއްމަތީގައި މަޑު އަތަކުން ބީހިލުމާއެކު ނުހަނު ލޯބިން އަންހެނަކު ގޮވައިލިއެވެ. ލޯ ހުޅުވައިލުމުން ކުރިމަތިން ފެނުނީ މަންމަ އާއި ބައްޕައެވެ. ކައިރީގައި މީގެ ކުރިން ތިބި އެކުވެރިންތައް ދޮރުން ނިކުމެގެން ދާތަން ފެނިގެން އިޔަން ހިސާބަކަށް ކަންބޮޑުވިއެވެ. އޭނާ ބޭނުންވި ޖަވާބު ލިބޭނީ އެމީހުންގެ ފަރާތުންނެވެ. "ރަނގަޅު. މަންމާ. މީ އެވަރު ކަމެއް ނޫން." އިޔަން ތެދުވަން އުޅެނިކޮށް ބައްޕަ ކޮނޑުގައި ހިފާ މަނާ ކުރިއެވެ. ޗުއްޓީގައި މާލެ އައި ގޮތަށް ފުރަތަމަވެސް މަޖާ ކުރުމާއި ސަކަރާތް ޖެހުމުގައި ވަގުތު ހޭދަ ކުރަން ފެށުމުން ބައްޕަ ހުރީ ކުރިއްސުރެވެސް ނުރުހިފައެވެ. މިވީ ގޮތުން އަދި ބައްޕަގެ ކޮޅަށް ބުރަވާނެއެވެ.
އިޔަން ގެއަށް ދޫކޮށްލުމުން ތިންމީހުން ކާރުގައި ނައްޓައިލި އިރު މޫސުމް ގޯސްވާން އުޅޭ ކަމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. އިޔަން ކާރުގެ ފަހަތު ސީޓުގައި އެކަނި އިނދެގެން ފެނި ގެއްލިދާ ކާރު ތަކާއި މީސްތަކުންނަށް ބަލަމުން ދިޔައިރުވެސް ދޭތެރެއަކުން ލޯ މައްޗަށް ސިފަވެގެން ދަނީ ލޮނުގަނޑު ތެރެއިން ބައްދަލު ކުރި ރީތި މޫނެވެ.
ކެރި އައީ އެމީހުން ކާރުން ފައިބައިގެން ގެއަށް ވަންނަން ދިޔަ އިރެވެ. އުދަރެސް ވިލާތަކުން ފުރި މެންދުރުގެ އެވަގުތުވެސް ހީވަނީ އިރު އޮއްސެން ކައިރިވެފައި ވާހެންނެވެ. އިޔަން ދުވެލާފައި ދާން އުޅެފައިވެސް ބައްޕަ ހުންނެވުމުން ފަސް ޖެހުނެވެ. ހާމިދު އެންމެ ކުރީގައި ވަދެފައި އިޔަން ވަންތަނުން ކޮޓަރިއަށް ގޮސް އަރާމު ކުރަން އެންގިއެވެ. އެކުގައި އިޔަންގެ މަންމަ ޝާފިޔާ ހިނގައިގަތީ ޑޮކްޓަރ ދީފައި ހުރި ބޭސްކޮތަޅު ހިފައިގެންނެވެ. "މަންމާ! ތި ބޭސް ކޮތަޅު ބަހައްޓާ. ތި ނުކެޔަސް އޯކޭވާނެ." އިޔަން ފެންވަރަން ދަމުން ބުނެލިއެވެ. ޝާފިޔާ ލުއި ހިނިތުންވުމަކާއެކު ދެފަރާތަށް ބޯ ހޫރާލައިފައި ނިކުމެގެން ދިޔަ ފަހުން އިޔަން ފެންވަރާލައިގެން ނިކުތެވެ. އިޔަން ޖިންސެއްލައިގެން އައިސް ދަތުރު ގެންދިޔަ ދަބަހުން ފޯން ނަގައިގެން ކުޑަ ދޮރު ކައިރިއަށް ޖެހިލިއެވެ.
"ހޭއި މޯޑް! ބިޒީތަ؟" އިޔަން ގުޅައިލީ އެންމެ ގާތްކޮށް އުޅޭ މުހައްމަދަށެވެ. "ނޫނޭ ބިޒީއެއް ދެން ނުވާނެއެއްނު ދޯ. މިހާރު ގެއަށް ދޫކޮށްލީތަ؟" މުހައްމަދު ވާހަކަ ދެއްކީ ލުއި ހީލުމަކާއެކުގައެވެ. "ކީއްވެ ތިހެނީ؟" އިޔަންއަށް އެކަން ފާހަގަވެގެން އަހައިލިއެވެ. "އަހަންނަށް އެނގޭ އެހާ އަވަހަށް ތިގުޅީ ކީއްވެކަން. އެހެންވެ ހެވުނީ. އެއީ ބަނޑޮހަށް ގޮސް އުޅުނު އަނެއް ޤުރޫޕާއެކު ދިޔަ ކުއްޖެއް. މަށަކަށްވެސް ކޮން ކުއްޖެއްކަން އޮޅުންފިލާވަރެއް ނުވި. އެކަމަކު ގުޑް ނިއުސް އެން އެބައިން. އެކުދިން ތެރޭގައި އަހަރެން ކުޑަކޮށް ފްރެންޑް ކުއްޖަކު އުޅޭ. އެއީ އެގޭގައި ކިޔަވަން ހުންނަ ކުއްޖެއް." މުހައްމަދުގެ ވާހަކަ އަހާފައި އިޔަން ހިނިތުންވެލިއެވެ. "އިރުކޮޅަކުން އެބަ ދަން."ފޯން ބާއްވައިފައި އެނބުރިލި ތަނުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވިގެން އިޔަން އެނބުރުނެވެ.
ކަކުލާއި ހަމައަށް އަންނަ ތިރިކޮޅަކާއި ޓީޝާޓެއްގައި މިއާ ވަދެގެން އަންނަނީއެވެ. ފަންއިސްތަށިގަނޑު ދެފަރާތަށް ބައިކޮށް ވޫލްކޮޅު ޖަހާފައި ހުރުމުން ފުރާވަރުގެ ކުއްޖަކަށްވުރެ ބާރަ އަހަރުގެ ކުޑަ ކުއްޖަކާއި ވައްތަރެވެ. "އިޔާ. މިހާރު ރަނގަޅުތަ؟" މިއާގެ ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް ފެނިގެން އިޔަންއަށް ހިނިތުންވެލެވުނެވެ. އޭނާއަށް ކިރިޔާ ކަމެއްވާއިރަށް މިއާ ރޯނެއެވެ. "ފައިން. އައެމް ފައިން." މިއާ އައިސް ހުއްޓިލުމުން އިޔަން އެމޫނުގައި ދެއަތުން ހިފަހައްޓާލައިފައި ކުޑަކޮށް މޫނު ތިރިކޮށްލައިގެން ވާހަކަދެއްކިއެވެ. "ދައްތަ ބުނީ އިޔާ ބަނޑޮހަށް ގޮސް އުޅެނިކޮށް ކަނޑަށް ގެނބުނު ވާހަކަ." މިއާގެ ލޮލުން އަދިވެސް ނުތަނަވަސްކަން ފާޅު ވޭވޭ ހުއްޓެވެ. "ކަނޑަކަށް ނޫން. މޫދަށް ގެނބުނީ." އިޔަންއަށް އަނެއްކާވެސް ހެވުނެވެ. ޝާފިޔާ ގޮވައިލުމުން މިއާ ނިކުމެގެން ދިޔަތަން ދެކެން ހުރެފައި އިޔަން ތައްޔާރު ވާން ފެށީ ބޭރަށް ދާށެވެ.
އިޔަން ގެއަށް ގެނެއްސައި ހަމީދު އެނބުރި ދިޔައީއެވެ. އިޔަންއަށް އެކަން އެނގޭތީ ކުޑަވެސް ހާސްކަމެއް ނެތި ގެއިން ނިކުމެގެން ސައިކަލު ގައި ނައްޓައިލިއެވެ. މުހައްމަދު އިނީ އެމީހުން އާދަކޮށް ކޮފީއަށް ބައްދަލުވާ މޭޒު ދޮށުގައެވެ. "އެމަންޖެއަށް ގުޅާލައިފިން." އިޔަން އިށީންތަނުން މޯޑް ފުރަތަމަވެސް ބުނެލިއެވެ. "ތިބުނީ ފެނުޕަރީއަށްތަ؟" އިޔަން އަންހެންކުއްޖާއަށް ނަމެއް ހަދައިލިއެވެ. "އުހު. ބުނީމެއްނު އެގޭގައި އުޅޭ ފްރެންޑް ކުއްޖެއްގެ ވާހަކަ. މަބުނީ މިހާރު ވަރަށް ދުވަސްވެއްޖެ ނޫންހޭ ހިނގާ ބަލާށޭ ކެއުމަކަށް އަންނަން." މޯޑް ކިޔައިދިނެވެ. "ދެން ކިހިނެއްވާނީ؟" އިޔަން ކޮފީއަށް އޯޑަރ ދީފައި ސުވާލު ކޮށްލިއެވެ. "ދެން އޭނަ ކައިރިން އޮޅުންފިލުވީމަ ވީނު." މޯޑު ހިޔާލު ކުރާގޮތް ބުނެދިނުމުން އިޔަންގެ މޫނުން މާ ކަމުދާ ކުލައެއް ފާޅެއް ނުވިއެވެ. "މަށަކަށް ނުފެނޭ ދެން އެހާ ޑައިރެކްޓްކޮށް އަހާކަށް. އެހެން ގޮތެއް ނޯންނާނެތަ؟" އިޔަން ބުނެލީ ހިތުގައި އޮތް ގޮތަށެވެ. "މަ ދީފާނަން އައިޑިއާއެއް. ވީކްއެންޑްގައި އެއޮތީނު އިޔަން ބައްޕަގެ ރިސޯޓް ހުޅުވަން ބާއްވާ ޕާޓީ. އެޕާޓީއަށް އެފެމެލީއަށް ދައުވަތު ދިނީމަ ފެނުޕަރީވެސް އަންނާނެ." މޯޑް އިތުރު ހިޔާލެއް ދިނެވެ. އިޔަންއަށްވެސް އެހިޔާލު ކަމު ގޮސްގެން ވިސްނަން އިނދެފައި ބޯ ޖަހައިލިއެވެ.
އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށްވުރެ ގިނައީ ވައިގެ ތެރެއަށް ދޫކޮށްލާފައިވާ ލޭންޓެންތަކެވެ. ރިސޯޓަށް އަރައިގެން އަންނަ ފާލަންވެސް ދެފަރާތުގައި ލައިޓްތައް ހަރުކޮށް ޒީނަތްތެރި ކޮށްލާފައެވެ. ސާފު ވައިލިބޭ ގޮތަށް އަތުރާފައިވާ ވަށް މޭޒު ތަކާއި ގޮނޑިތައް ފުރެމުން ދިޔައީ އެފާލަން ދޮށުގައި އަޅާފައިވާ ލޯންޗްތަކުން ފައިބައިގެން ރަށަށް އަރަމުން ދިޔަ މެހުމާނުން ތަކުންނެވެ. އެކި ހިސާބުގައި ހުދު އަލީގެ ކުދި ބޮކިފަތިތަކާއި ލޭސްފޮތިތަކުގެ ޑިޒައިންތައް ހަދާފައި ހުރީ ވަށައިގެން އަތުރާފައިވާ އުސް ތަނބުތައް ބޭނުންކޮށްގެންނެވެ. އިޔަން އޭނާގެ އާއިލާއަށް ހާއްސަ ކުރެވިފައިވާ މޭޒު ދޮށުގައި މިއާ ދައްކަމުން ދިޔަ ވާހަކަތައް އާ ހޫމް ލައްވަމުން އިރުއިރުކޮޅާ ކަޅި އެއްލަނީ ފާލަމުން ފައިބައިގެން އަންނަ މެހުމާނުންނަށެވެ. އިޔަންގެ އެމޫނުގައި ކުރިން ހުރި ވިދުވަރު ނެތިގެން ދިޔައީ މެހުމާނުންގެ އެންމެ ފަހު ޤުރޫޕް އައިސް ރަށަށް ފޭބި ފަހުންނެވެ. އެބޮޑު ތާގައި އެހުރިހާ މީސްތަކުންގެ މެދުގައި އިޔަންއަށް އެކަނިވެރިކަން އިހްސާސްވީ އޭނާ ހޯދަމުން ދިޔަ މޫނު ނުފެނުނީމައެވެ.
ބޭނުން ނުވިއަސް އިޔަންއަށް ޖެހުނީ ވަކިވެގެން ނުގޮސް މަޑު ކުރާށެވެ. ހަފްލާގައި ސަރުކާރުގެ މަތީ ފަރާތަކަށްވެސް ދައުވަތު ދީގެން ގެނައެވެ. އެފަދަ ހާއްސަ ތަނެއްގައި އޭނާ ނެތިއްޖެނަމަ ބައްޕަ އިންތިހާއަށް ރުޅި އަންނާނެއެވެ. އާއިލާއަށްޓަކައިވެސް އޭނާ ޖެހޭނީ މަޑު ކުރާށެވެ. ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ހަމީދުގެ ވާހަކަ ކޮޅެއް އޮތެވެ. އެއަށްފަހު މިއުޒިކް ބޭންޑް ހަރަކާތްތެރިވާން ފެށުމުން އެންމެން އަވަސްވެގަތީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އިޔަން އިންތިޒާރު ކުރީ އެވަގުތު ކޮޅަށެވެ. މިއާއަށްވެސް ނޭނގި ދޭތެރެއަކުން ރެކި ގަނެގެން އޭނާ މިސްރާބު ޖެހީ އެމީހުންނާއި ދުރަށެވެ.
އިޔަން އެސަރައްދު ދޫކޮށް ރަށު ތެރެއަށް އަރައިގެން ހިނގަމުން ދިޔައިރު ކޮންމެ ދިމާއެއްގައި ވަނީ ފަޅުކަމެވެ. ނުހަނު ރީތިކޮށް ހަދައި ފަރުމާ ކޮށްފައިވާ ތަންތަނެވެ. އެކަމަކުވެސް އިޔަންގެ ނަޒަރުގައި ދިރުމެއް ނެތެވެ. އިޔަން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހިނގަމުން ގޮސް އެއްފަރާތެއްގައި ހުރި ރުކެއްގައި ލެނގިލައިގެން ހުއްޓައި ކައިރީގައި އޮތް ފަތާ ފެންގަނޑަށް ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑު އިވިއްޖެއެވެ. ކުޑަކޮށް ސިހޭ ގޮތް ވުމުން އިޔަންއަށް އިޚުތިޔާރަކާއި ނުލައިވެސް އެދިމާއަށް ބަލައިލެވުނެވެ. އެވަގުތު އެސްފިޔަޖަހަން އޭނާ ހަނދާން ނެތުނެވެ. ފެންގަނޑު ތެރެއިން ބޯ ހިއްލައިލީ އޭނާގެ ފުރާނަ ސަލާމަތް ކޮށްދިން ރީތި އަންހެން ކުއްޖާއެވެ.
"ހޭއި!" އިޔަންގެ ދެފަޔަށް ބާރު ލިބިގެން ކުއްލިއަކަށް އެދިމާއަށް ދަމުން ގޮވައިލެވުނެވެ. އެއަޑު އިވިގެން އަންހެންކުއްޖާ ބަލައިލާފައި އަވަހަށް ފަތާލައިފައި މިސްރާބު ޖެހީ ފެންގަނޑުން އަރަންވެގެންނެވެ. އިޔަންއަށް އެކަން އިހްސާސްވެގެން ގޮސް އެކުއްޖާ އަރަން އުޅުނު ދިމާއަށް ހުއްޓިލައިފިއެވެ. "އިޔަން!" އަންހެންކުއްޖާއަށް އިޔަންގެ ސިފަ ރީތިކޮށް ފެނުމުން ލޯ ބޮޑުކޮށްލައިފައި ބުނެލެވުނެވެ. "އަހަރެންގެ ނަންވެސް އެނގޭތަ؟" އިޔަންއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. "ހޫމ.. ކުރީ ދުވަހު ބަނޑޮހުގައި އިޔަންގެ އެކުވެރިން ކިޔާ އަޑު އިވުނީ." އޭނާ ޖަވާބު ދިނެވެ. "ތީ ކޮން ނަމެއް ކިޔާ ކުއްޖެއް؟" އިޔަން ފުރުސަތުގެ ބޭނުން ހިފިއެވެ. "ޒޯހާ." ޒޯހާ އޮޅުންފިލުވައި ދިނެވެ. " އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީތީ ތޭންކްސް ޒޯހާ." އިޔަން ތިރީގައި އުޑަފައިން އިށީންދެފައި ޒޯހާ ހިފަން އަތް ދިއްކޮށްލިއެވެ. ޒޯހާ އެއްފަހަރު އެއަތަށް އަނެއްފަހަރު އިޔަންގެ މޫނަށް ބަލައިލާފައި ކުޑަކޮށް ޖެހިލުންވެފައިވާ ގޮތަކަށް އަތުގައި ހިފައިލިއެވެ.
ޒޯހާގެ އަތަށް ދަމައިލުމުން އެހަށިގަނޑުވެސް އިޔަންއަށް އިހްސާސް ކުރެވުނީ ލުއި ފަތެއް ފަދައިންނެވެ. ފެންގަނޑުން އެރުމުން ގައިގައި ތަތްވެފައި އޮތް ފިޔާތޮށި ހެދުމާއެކު ވަކިން ހިކިކަމަށް ދައްކައެވެ. ތެމިފައި އޮތްއިރުވެސް އިސްތަށިގަނޑު ބޯވެފައި ކަޅުކުލަ ގަދަކަން އިންތިހާއެވެ. "އަހަރެން ނުދެކެން ޒޯހާ އައިތަނެއް." ޒޯހާ ހިނގައިގަތުމުން އިޔަން އެއްހަމައެއްގައި ދަމުން ބުނެލިއެވެ. ތަންކޮޅެއް ކުރިން އަތުވެއްޖައިން. އެހެންވެ ފާހަގަ ނުކުރެވުނީ ކަންނޭނގެ. އެނޫނަސް އައިގޮތަށް އަހަރެން އެމީހުންނާއި ވަކިވެގެން އައީ ރަށުތެރެ ބަލައިލަން. ސިއްރުން ޕޫލަށްވެސް އެރެވިއްޖެ. އުންމީދުކުރަން އިޔަން މިތާގެ ވެރިން ކައިރީ ނުބުނާނެ ކަމަށް." ޒޯހާގެ ފަހު ޖުމްލައިން އިޔަންއަށްވެސް ހެވެން އުޅުނެވެ. އެކަމަކު އޭނާ އަމިއްލަ ނަފްސްގެ ކޮންޓްރޯލް ހޯދިއެވެ.
(ނުނިމޭ)