ރޯދަ މަސް ފެއްޓެން ދެ ތިން ދުވަހަށް ވެފައި ވަނިކޮށް ފިޔަ އާއި ކެރެޓްގެ އަގު ބާޒާރުގައި ބޮޑުވެއްޖެ އެވެ.

ބާޒާރުން ކެރެޓް ކިލޯއެއް މިއަދު ވިއްކަން ހުރީ 65 ރުފިޔާ އަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކަން ހުރީ 60 ރުފިޔާ އަށެވެ.
ފިޔަ އާއި ކެރެޓްގެ އިތުރަށް ކެބެޖް ކިލޯއެއްގެ އަގު ހުރީ 75 ރުފިޔާ އާޢި 80 ރުފިޔާ އާ ދެމެދުގެ އަގުތަކުގަ އެވެ. އޭގެ އިތުރަށް ލުނބޯ ކިލޯއެއް ހުރީ 80 ރުފިޔާ އަށެވެ.

ވިޔަފާރިވެރިން ބުނީ ތަކެތީގެ އަގު ބޮޑުވަނީ ބާޒާރުގައި އެތަކެތި މަދުވުމުން ކަމަށާއި އެތަކެތި ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އިއްޔެ "ސަން" އަށް ވިދާޅުވީ ރޯދަޔަށް ހާއްސަކޮށްގެން ވިއްކަމުން ދިޔަ ބިހާއި ފިޔައިގެ ސްޓޮކް މިހާރު ހުސްވެ ހޯލްސޭލް ކުރުން ހުއްޓާލި ނަމަވެސް ރީޓެއިލް ކުރާ ކަމަށެވެ. އަދި މާދަމާ ފިޔަ އާއި ބިހުގެ ސްޓޮކް ލިބި ވިއްކަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.