06 Jul 2013, 21:35
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ "ގައުމާއިގެން ކުރިއަށް" ކޯލިޝަނުން ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދާ ކެމްޕޭން ދަތުރުތަކުގައި އަދާލަތު ޕާޓީން ބައިވެރިވެފައި ނުވާކަމށް ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހްމަދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ތައުފީގު މިރޭ ވިދާޅުވީ ށ. އަތޮޅުގެ ކެމްޕޭން ދަތުރު ފަށާފައި ވަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ރަނިންމޭޓް އަދި ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ގުޅުއްވައި އެދަތުރާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށާއި އެ ދަތުރުގައި އަދާލަތު ޕާޓީ ތަމްސީލުކުރާނެ މީހަކު ފޮނުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވެފައިވާ ކަމަށެވެ.
"ޝެއިޚު އިމްރާނަށް ސީދާ ތަސްމީން އެ ވާހަކަ ދެއްކެވި. އިމްރާން ވިދާޅުވި މީހަކު ފޮނުއްވޭތޯ މަސައްކަތް ކުރައްވާނަމޭ. ދެން އެހެންނަމަވެސް އިމްރާނަށް ބޭފުޅަކު ނޮފޮނުއްވުނު،" ތައުފީގު ވިދާޅުވި އެވެ.
އެ ދަތުރުގައި އަދާލާތު ޕާޓީ ބައިވެރިނުވި ނަމަވެސް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތައް ކަމަށްވާ ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީގެ އިތުރުން ޑީއާރްޕީން ވަނީ ކެމްޕޭން ދަތުރުގައި ބައިވެރިވެފަ އެވެ.
ތައުފީގު ވިދާޅުވީ އަދާލަތު ޕާޓީން އެ ދަތުރުގައި ބައިވެރިވެފައި ނުވަނީ އެ "ޕާޓީގެ ތެރޭގައި ކޮންމެވެސް ކަހަލަ ކަންތައްތަކެއް އުޅުމުގެ ސަބަބުން" ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ ދަތުރަކީ އަދާލަތު ޕާޓީ އެކަހެރިކޮށްލަން ކުރި ކެމްޕޭން ދަތުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމާއިގެން ކުރިއަށް ކޯލިޝަނުން އިއްޔެ ށ. އަތޮޅުގައި ކުރި ކެމްޕޭން ދަތުރުގައި އެ އަތޮޅު ކަނޑިތީމާއި ފުނަދޫ އާއި މަރޮއްޓާއި ފޯކައިދޫ އަށް ގޮސް ކޮންމެ ރަށެއްގައި ވަނީ އެ ޕާޓީގެ ކެމްޕޭން ޖަގަހައެއް ހުޅުވައިފަ އެވެ.
އަދާލަތު ޕާޓީން އެ ދަތުރުގައި ބައިވެރިވެފައި ނުވާ އިރު ކޯލިޝަނުން އެކަށީގެންވާ ގޮތުގައި ކެމްޕޭން ނުކުރާ ކަމަށް ބުނެ އެ ޕާޓީން ގެންދަނީ ޝަކުވާ ކުރަމުންނެވެ.
އެންމެފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ކޯލިޝަންގެ ކެމްޕޭން އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ނަމަ ކޯލިޝަނުން ވަކިވުމާ މެދު މަޝްވަރާކޮށް ވާހަކަ ދައްކައިފަ އެވެ.