06 Nov 2010, 08:02
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިންސާނުން ތަރައްގީވެފައިވާ މިންވަރު ދެ ދަރަޖަ މައްޗަށް ގޮސްފައިވާ ކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.
ޔޫއެންޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) ރިޕޯޓުގައި ދިވެހިރާއްޖެ އަށް ލިބިފައި ވަނީ 107 ވަނަ ދަރަޖަ އެވެ. އެއީ 2007 ވަނަ އަހަރުގެ އެޗްޑީއައި ރިޕޯޓާ އަޅައިބަލާ އިރު ދެ ދަރަޖަ މަތީ އަދަދެކެވެ.
އަވަށްޓެރި ގައުމުތަކަށް ބަލާއިރު ސްރީލަންކާ ފިޔަވައި މި ސަރަހައްދުގެ ހުރިހާ ގައުމެއްގައި ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އުޅެނީ ދިވެހިރާއްޖެ އަށް ވުރެ ދަށުގަ އެވެ. ސްލަންކާ އަށް ލިބިފައި ވަނީ 91 ވަނަ ދަރަޖަ އެވެ. އެއީ ރާއްޖެ އަށް ވުރެ 16 ދަރަޖަ މަތީ އަދަދެކެވެ. އެ ރިޕޯޓުގައި ދިވެހިރާއްޖެ ހިމެނިފައި ވަނީ މެދު ފަންތީގައި އިންސާނުން ކުރިއަރާފައިވާ ގައުމުތަގެ ލިސްޓް ނުވަތަ "މީޑިއަމް ހިއުމަން ޑިވެލޮޕްމަންޓް" ލިސްގަ އެވެ. އަވަށްޓެރި އިންޑިއާ ވެސް ހިމެނިފައި ވަނީ އެ ލިސްޓުގައި، 119 ވަނަ ދަރަޖަ ލިބިގެން ދިވެހިރާއްޖެ އަށް ވުރެ 12 ދަރަޖަ ދަށުގަ އެވެ. ސަތޭކަ ފަންސަވީސް ވަނަ ދަރަޖަ ލިބިގެން ޕާކިސްތާނު ވެސް ހިމެނެނީ ރާއްޖެ އަށް ވުރެ ފަހަތުގަ އެވެ. އަވަށްޓެރި އެހެން ގައުމަތައް ކަމުގައިވާ އަފްޤާނިސްތާނާއި ބަނގުލަދޭހާއި ނޭޕާލް ހިމެނެނީ "ލޯ ހިއުމަން ޑިވެލޮޕްމަންޓް" ނުވަތަ އެންމެ ދަށް ފަންތީގައި އިންސާނުން ކުރިއަރާފައިވާ ލިސްޓުގަ އެވެ.
ހުރިހާ ގައުމުތަކެއްގެ ތެރެއިން އެންމެ މަތީ ދަރަޖައެއް ލިބިފައި ވަނީ ނޯވޭ އަށެވެ. ނޯވޭ ހިމެނެނީ "ވެރީ ހައި ހިއުމަން ޑިވެލޮޕްމަންޓް" ލިސްޓު ނުވަ އިންސާނުން ވަރަށް ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގަ އެވެ. އެމެރިކާ އަށް ލިބިފައި ވަނީ ލިސްޓްގެ ހަތަރު ވަނަ ދަރަޖަ އެވެ. އާޝިޔާންގެ ގައުމުތަކުން ސިންގަޕޫރަށް ލިބިފައި ވަނީ އަދި 27 އެވެ.
ބްރެޒިލް، މެކްސިކޯ، ޖަމައިކާ، ސާބިއާ، ރަޝިއާ ފަދަ ގައުމުތައް ހިމެނެނީ މަތީ ދަރަޖައިގައި އިންސާނުން ކުރިއަރާފައިވާ ގައުމުތަކުގެ ނުވަތަ "ހައި ހިއުމަން ޑިވެލޮޕްމަންޓް" ލިސްޓަ އެވެ.
ލިސްޓްގައިވާ 169 ގައުމުގެ ތެރެއިން އެންމެ ދަށު ދަރަޖައެއް ލިބިފައިވަ ގައުމަކީ ޒިމްބާބުވޭ އެވެ.
އެޗްޑީއައި ރިޕޯޓަކީ ގައުމުތަކުގައި އިންސާނުން ތަރައްގީވާ މިންވަރަށް ބަލައި ޔޫއެންޑީޕީން ނެރޭ ރިޕޯޓެކެވެ.