ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް އާސަންދަ ލިބޭނެ ގޮތަށް ހަމަޖައްސަވައި، އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ، އެމަނިކުފާނު ސްރީލަންކާއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރޭ ކޮޅުނބުގެ ސޯސަންވިލާގައި ބޭއްވުނު ދިވެހި މިޔުޒިކް ބޭންޑް "އޮލިމްޕިއަންސް" ގެ ޝޯގައި ވާހަދައްކަވަމުންނެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެމީހަކު ދިރިއުޅޭ ގައުމެއްގައި ހުންނަ އާސަންދަ ގަބޫލުކުރާ ހޮސްޕިޓަލަކުން އެޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި ދެގައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭގޮތުންނާއި، ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގެ ކަންކަމާ ބެހޭގޮތުން ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ލަންކާ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު އޮޅުން ފިލުއްވިއެވެ. އަދި ހޮސްޕިޓަލުގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުން ދޭ ތަފާތު ޚިދުމަތްތަކާ ބެހޭގޮތުން ހޮސްޕިޓަލުގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާއަށް މައުލޫމާތު އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މެޑިސިންގެ ރޮނގުން ކުރިއަށްދާ ރާއްޖޭގެ ކުދިންނަށް އެހޮސްޕިޓަލުގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުން އެކި މުއްދަތުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވައި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޚިދުމަތް ދެއްވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ސްރީލަންކާގެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވައި، އެކަމަށް ތައުރީފު ކުރައްވައި ވާހަކަ ދެއްކެވިއެވެ.