06 Jul 2013, 17:47
އެމްޑީޕީގެ ބިރަކާއި ނުލައި މަޖާކުރުމުގެ ސިޔާސަތުގެ ބޭނުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ވޯޓު ހޯދުންކަމަށް ޕީޕީއެމް އިން ސިފަކޮށްފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހްމަދު މަހުލޫފް ވިދާޅުވީ ބިރަކާއި ނުލައި މަޖާކުރުމުގެ ސިޔާސަތުގެ މަގުސަދަކީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ މީހުންގެ ވޯޓު ހޯދުން ކަމަށް ވެދާނެ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކުރާ އެތަކެއް މީހުން ތިބިކަން އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން. އެހެންވީމަ މިފަދަ ޒުވާނުންނަށާއި މިކަމުގަ އަވާގައި ޖެހިފައިތިބި މީހުންނަށް ހިތްވަރެއް ލިބޭކަހަލަ މެސެޖްތަކެއް އިންތިޚާބު ކުރުމަށް ޓަކައި އެ ވޯޓުކޮޅު ގާތްގަނޑަކަށް އެކި ޖަމްއިއްޔާތަކުން ހަދާފައިވާ ސާވޭތަކަށް ބަލާއިރު ފުދޭވަރެއްގެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާކަމަށް އެބަ ދައްކާ. ދިހަ ހާސް ނޫން ނަމަ ފަނަރަ ހާސް މީހުންގެ ވާހަކަހެން އަޅުގަނޑަށް ހީވަނީ މިދެއްކެނީ. އެހެންވީމަ ފަހަރުގައި ވެދާނެ އެމީހުންގެ ވޯޓުހޯދުމަށް ވީ ވައުދެއްކަމަށް ވެސް،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ބިރަކާއި ނުލައި މަޖާކުރުން" މި ނަމުގައި ސިޔާސަތުތައް އެކުލަވާލައި އެމްޑީޕީންގެ އެކި ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ކަމަށާއި އެކަމާ ވިސްނަން ޖެހޭ ކަމަށެވެ.
މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅުމުގައި ބިރު ގަންނަން ޖެހޭ ފަދަ ކަމެއް މީގެކުރިން ވެސް ކުރިމަތިވެފައި ނުވާކަމަށާއި އެކަން އެގޮތަށް އޮއްވައި ބިރެއް ނެތި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވޭނެ ކަމަށް ބުނެ ވާހަކަދައްކަން ފެށުމަކީ ކޮންމެ މީހަކު ވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"މިރާއްޖޭގައި މިއޮތް ހުރިހާ ދުވަސްވީ އިރު ވެސް ކުޅިވަރު ކުޅެން ބިރުގަންނަން ޖެހޭ ވަރު ކަމެއް ވިހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. އެހެންވީމަ އެބޭފުޅުން އެވިދާޅުވަނީ ކޮންކަހަލަ ކުޅިވަރެއްތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ،" މަހުލޫފް ވިދާޅުވި އެވެ.
އެ ސިޔާސަތު އިފްތިތާހު ކުރުމަށް އިއްޔެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ޒުވާނުންގެ މަޖަލާއި މުނިފޫހިފިލުވުން އެސްއޯ ފުލުހުންނަށް އައިސް "ފަނިކޮށްނުލެވޭނެ" ކަމަށެވެ.