މުޅި ދުނިޔެއަށް ވެސް އެންމެ މަޝްހޫރު ނެސްލޭ ކުންފުނިން އުފައްދާ މައިލޯއިން ރާއްޖޭގައި މިވަތު އޮތް އެންމެ ކާމިޔާބު ކުލަބް ނިއު ރޭޑިއަންޓް އިތުރު ދެ އަހަރަށް ސްޕޮންސާކޮށްފި އެވެ.

މައިލޯ އިން ނިއު ސްޕޮންސާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު މެންދުރު ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ޚާއްސަ ހަފުލާއެއްގަ އެވެ.

ސްޕޮންސާސިޕް އެގްރިމަންޓުގައި ނިއުގެ ފަރާތުން ސޮއިކުރެއްވީ އެޓީމުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރެއްވީ ނެސްލޭ ލަންކާގެ މެޖޭޖިން ޑިރެކްޓާ ގަނޭޝް އެވެ.

ސޮއިކުރުމުގެ ހަފުލާގައި ވާހަކަ ދައްކަމުން ނިއުގެ ޗެއާމަން ބަލަކް ވިދާޅުވީ ނިއުގެ ޗެއާމަން ކަމާ އޭނާ ހަވާލުވި ފަހުން އެކުލަބުން ހޯދަމުން އަންނަ ގިނަ ގުނަ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާއަކީ މައިލޯ ކަމަށާއި އެގޮތުން އެކާމިޔާބީ ދަމަހައްޓަން ނިއުއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.